ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޗައިނާގެ ފޫޖިއާން ޕްރޮވިންސްގެ ޝިއަމެން ފްރީޓްރޭޑް ޒޯނަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

ރައީސްގެ އެ ޒިޔާރަތުގައި ޝިއަމެން ފްރީޓްރޭޑް ޒޯނުގެ ފަރާތުން ވަނީ އެތަނާބެހޭ ތައާރަފެއް ހިމެނޭ ވީޑިއޯއެއް ހުށަހަޅައިދެއްވާފައެވެ. އަދި ރައީސް ވަނީ އެ ތަނުގެ މުހިންމު ތަންތަން ބައްލަވާލައްވައި އެތަންތަނާ ބެހޭގޮތުން މައުލޫމާތު އޮޅުންފިލުއްވާފައެވެ.

ރައީސްގެ ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ރަސްމީ ވާހަކަފުޅުތައް ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ ގައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުން ބަދަލުކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.އެގޮތުން ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި، ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމާއި، އިޖުތިމާއީ، އިގުތިސޯދީ އަދި ޓެކްނޮލޮޖީގެ އިތުރުންވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތައް ބަދަލު ކުރައްވާނެއެވެ.

މީގެއިތުރުން މި ދަތުރުފުޅުގައި ރައީސް ޗައިނާގެ ބައެއް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އިޖުތިމާއީ އަދި އިގުތިސޯދީ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ.

ރައީސްގެ ދެކަނބަލުން ޗައިނާއަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.