ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޗައިނާއަށް ފުރާވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ރާއްޖެއާއި ޗައިނާއާ ދެމެދު ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި ދެ ގައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުން ބަދަލުކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމާއި އިޖުތިމާއ، އިގުތިސޯދީ އަދި ޓެކްނޮލޮޖީގެ އިތުރުންވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ފޫޖޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ބައިވެރިވެވަޑައިގެން، ޗައިނާގެ ބައެއް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ރާއްޖެއާއި ޗައިނާއާ ދެމެދު އިޖުތިމާއީ އަދި އިގުތިސޯދީ ގުޅުން ބަދަހި ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.
ޗައިނާގެ ދަތުރުފުޅަކީ ރައީސް ކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ރާއްޖެއިން ބޭރަށް ރައީސް މުއިއްޒު ކުރައްވާ ތިން ވަނަ ދަތުރުފުޅެވެ. ފުރަތަމަ ވަޑައިގެންނެވީ ތުރުކީއަށެވެ. އެ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ ކޮޕް-28ގައި ބައިވެރިވެވަޑައިގެންނެވުމަށް ޔޫއޭއީއަށް ވެސް ވަޑައިގަންނަވާފައެވެ.