މިއަހަރުގެ އެކަޑަމިކް ކަލަންޑަރަށް ބަދަލުތަކެއް އަންނާނެކަމަށާ، މި އަންނަ ބަދަލުތައް މިހަފްތާތެރޭ އާންމުކުރައްވާނެކަމަށް ތަޢުލީމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

2023 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން މިއަދު ފެށިފައިވާއިރު މިނިސްޓްރު ޝަފީއު ވިދާޅުވީ، ސަރުކާރުން ރޯދަމަހުގެ ފަހު 10 ބަންދުކުރަން ނިންމުމާ ގުޅިގެން އެކަޑަމިކް ކަލަންޑަރަށް ބަދަލު އަންނާނެކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޕްރިންސްޕަލުންނާއި ބައްދަލުކޮށް ކަލަންޑަރަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ޝަފީއު ވިދާޅުވިއެވެ.

މީގެ އިތުރުން ޝަފީއު ވިދާޅުވީ މިއަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ފަށާފައިވަނީ ސްކޫލްތަކުގެ ހުރިހާ ތައްޔާރީތަކަކާއެކުގައި ކަމަށެވެ. ކަރިކިއުލަމްގައިވާ ލަނޑުދަނޑިތައް ހާސިލްކުުރުމަށާ، ދެވަނަ ޓާމްގައި ދަރިވަރުންނަށް ކިޔަވައިދިނުމަށް ގޮންޖެހުންތަކެއް ކުރިމަތިވެގެން ނުދާނެކަން ޝަފީއުވަނީ ފާހަގަކުރައްވާފައެވެ. "ބައެއް ބިދޭސީ ޓީޗަރުން ޗުއްޓީއަށް ގޮސް ވަޒީފާއިން ކެނޑުމުން އެ މަގާމަށްވެސް އައު މުދައްރިސުން ހަމަޖައްސާފައިވާނެ. އަދި ހަފްތާއެއްގެ ތެރޭގައި އެ މުދައްރިސުންވެސް ތަޢުލީމީ ޓީމާ ގުޅިވަޑައިގަންނަވާނެ" ޝަފީއު ވިދާޅުވިއެވެ.

ދެވަނަ ސެމިސްޓައިން ފެށިގެން ބައްޓަންކުރަމުންދާނީ ގައުމު ދެކެލޯބިވާ ގައުމަށް ހިދުމަތް ކުރާނެ ދަރިންތަކެއް އުފެއްދުމުގެ ވިސްނުންކަމުގައި ފާހަގަކުރައްވަމުން ޝަފީއުވަނީ އެ މަގާމަށް ވާސިލުވުމަށްޓަކައި ކުރާ މަސައްކަތްތައް ކުރިއަށް ގެންދާނީ އެކަމާ ގުޅުންހުރި ހުރިހާ އެންމެންނާ އެކުގައިކަމަށް ވިދާޅުވެފައެވެ.

ކުރީ ސަރުކާރުން، ރިސޯޓުގައި މަސައްކަތްކުރާ ފަރާތްތަކާއި، އަދި ރާއްޖޭގެ މޫސުމަށް ބެލުމަށްފަހު، 2021 ވަނަ އަހަރު ވަނީ ދިރާސީ އަހަރު ފެށޭ ދުވަސްވަރު އަހަރުގެ ފަހުކޮޅަށް ބަދަލުކޮށްފައެވެ. އެހެންނަމަވެސް މި ބަދަލާ ގުޅިގެންވެސް ގިނަ ބައެއްގެ ކަންބޮޑުވުންތަކެއް ހުރިއިރު، ރާއްޖޭގައި ދިރާސީ އަހަރު ފަށާ ދުވަސްވަރު ބަދަލުކުރުމުގެ މަސައްކަތް މި ސަރުކާރުން އަންނަނީ ކުރަމުންނެވެ.

މިހާރު އޮތް އެކަޑަމިކް ކަލަންޑަރުގައި ވާގޮތުން ދެވަނަ ސެމިސްޓަގެ ކިޔެވުން މިއަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު ނިމޭއިރު، 2024 ވަނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭނީ 31 ޖުލައިގައެވެ.