ރާއްޖޭގައި ޑިވޮލޮޕްމަންޓް ބޭންކެއް އުފެއްދުމާމެދު މަޝްވަރާކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކެބިނެޓް ބައްދަލުވުމަށް ވަދެވަޑައިގެންނެވުމުގެ ކުރިން ރައީސް މުއިއްޒު ވިދާޅުވީ މިއަދު ކެބިނެޓު ބައްދަލުވުމުގައި ވަރަށް މުހިއްމު ކަންތައްތައް މަޝްވަރާކުރެވުމަށް އެބަހުރި ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ އޭގެ ތެރޭގައި ރާއްޖޭގައި ޑިވެލޮޕްމެންޓް ބޭންކެއް އުފެއްދުމާއި އޮންލައިން ޕޭމަންޓް ޕްލެޓްފޯމްތައް ބޭނުންކޮށްގެން ޕޭ ކުރުމުގައި ހުރި ހުރަސްތައް ނައްތާލުން މަޝްވަރާކުރުން ކުރިއަށްގެންދާނެ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއާއި ސޯޝަލް ހައުސިންއަށް ކެޓަގަރީއެއް ތައާރަފް ކުރުން ފަދަ މުހިއްމު ކަންތައްތައް މިއަދު މަޝްވަރާކުރެވުމަށް ހަމަޖެހިފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ މީޑީއާއަށް ހާއްސަކޮށް، މީޑިއާ ވިލެޖެއް ގާއިމުކުރުމަށްޓަކައި ކަންތައްތައް މަޝްވަރާކުރުމުންވެސް މިއަދު ނިންމަވާފައިވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ރައީސް މުއިއްޒު ވިދާޅުވީ ޑިވެލޮޕްމެންޓް ފައިނޭންސް އިންސްޓްޓިއުޝަނެއް ނުވަތަ އިންވެސްޓްމަންޓް ބޭންކެއް ރާއްޖޭގައި ގާއިމު ކުރައްވައި އެ ބޭންކް މެދުވެރިކޮށް ރިސޯޓްތައް ހެދުމަށާއި އެހެނިހެން އިންވެސްޓްމެންޓްތައް ވެސް ކުރެވޭނެ ކަމަށެވެ. އަދި ރާއްޖޭގައި ހިންގާ އެކި ކަހަލަ ވިޔަފާރިތަކަށް އެ ބޭންކުގެ ބޭނުން ކުރުމަށް ފަސޭހަވެގެން ދާނެ ކަމަށާއި ރާއްޖޭގެ އިންޑަސްޓްރީތަކަށް އެ ބޭންކުގެ ބޭނުން ހިފިގެންދާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.