އަންހެނުންނަށް ވަޒީފާގެ ގިނަ ފުރުސަތުތައް ތަނަވަސްކޮށްދެއްވާނެ ކަމުގެ ވައުދާ އެކު، ވެރިކަންކުރާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ މެނިފެސްޓޯ ލޯންޗުކޮށްފިއެވެ.

އެކަމަށްޓަކައި މިރޭ ބޭއްވި ހަފްލާގައި އޭނާގެ މެނިފެސްޓޯ ހުށަހަޅުއްވަމުން އާޒިމާ ވިދާޅުވީ، މެނިފެސްޓޯ އެކުލަވާލައްވާފައި ވަނީ މާލޭގެ ކައުންސިލުގައި އެކުލަވާލާފައިވާ އިސްތިރާޖީ ޕްލޭނާއި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ މެނިފެސްޓޯ އާ އެއްގޮތްވާ ގޮތަށް ކަމަށެވެ.

އާޒިމާ ވިދާޅުވި ގޮތުގައި، އޭނާ އިންތިހާބުކުރައްވައިފި ނަމަ ތަފާތު ދައްކަވާނެ ކަމަށާއި، ރައްޔިތުން ހިތާމަކުރަން ނުޖެހޭނެއެވެ.

މެނިފެސްޓޯ ހުށަހެޅުއްވުމުގެ ކުރިން ސަޕޯޓަރުންނާ މުހާތަބުކުރައްވަމުން އާޒިމާ ވިދާޅުވީ، އޭނާ މާލޭގެ މޭޔަރުކަމަށް އިންތިހާބުވެވަޑައިގެންފި ނަމަ، އަންހެނުންނަށް ކުރިއަށް ދެވޭނެ ޖާގައެއް އޮތްކަން ސާބިތުކޮށްދެވޭނެ ކަމަށެވެ.

އާޒިމާގެ މެނިފެސްޓޯގައިވާ މައިގަނޑު ކަންކަން:

  1. އެންމެންގެ މާލެ
  2. ފެހި، ފަހުރުވެރި މާލެ
  3. ރައްކާތެރި އަމާން މާލެ
  4. ދިވެހީންގެ އިގްތިސޯދުގެ ވިންދު
  5. ހަމަޖެހިގެން ދިރިއުޅެވޭނެ މާހައުލެއް
  6. 21 ވަނަ ގަރުނަށް ފައްކާކުރެވިފައި
  7. އިލްމާއި ހުނަރުގެ ވެށި
  8. ފަހުރުވެރި އަންހެނުން
  9. ހިތްހަމަޖެހިގެން ހިނިތުންވުމާ އެކު
  10. ގްރޭޓާ މާލޭގެ ކަނޑު، ފަރު، ފަޅު، ފުރިހަމަ ނަފާ އަށް
  11. ގުޅިގެން އެކުގައި ތަރައްގީކުރުމުގައި ބައިވެރިވުން

މީގެ ތެރެއިން އަންހެނުންނަށް އާޒިމާ ވެވަޑައިގެންނެވި ވައުދުގެ ތެރޭގައި، 1،000 އާއި 1،500 އާ ދެމެދުގެ ވަޒީފާ އަންހެނުންނަށް ހާއްސަކުރުމާއި، އެކަނިވެރި މައިންނަށް ވަކި ނިޒާމެއް ގާއިމްކުރުމާއި މާލީ އެހީތެރިކަން ދިނުން ހިމެނެއެވެ.

މީގެ އިތުރުން، ބުޅަލުގެ މައްސަލަ ހައްލުކުރުމަށާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ޖަގަހައެއް ގާއިމްކުރުމަށާއި، ސިވިލް ޑިފެންސްގެ އެކި ކަންކަން ތައާރަފުކުރުމަށާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިމާރާތްތަކަށް ވަދެ ނުކުތުމަށް ފަސޭހަކޮށްދިނުމަށާއި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އަވަސް އެހީ ފޯރުކޮށްދޭނެ ނިޒާމެއް ގާއިމްކުރުމަށް ވެސް އާޒިމާ ވައުދުވެވަޑައިގެންފައިވެއެވެ.