ވެލާނާ އެއާޕޯޓު ތަރައްގީ ކުރުމަށްޓަކައި ކުރިއަށް ގެންދަން ޖެހޭ ބައެއް މަޝްރޫއުތައް ކުރިއަށް ގެންދިއުމަށްޓަކައި ސީޕްލޭން ޓާމިނަލް އެހެން ތަނަކަށް ބަދަލުކުރައްވާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

އަހަރަކު 25 މިލިއަން މީހުންނަށް ހިދުމަތްދެވޭ އެއާޕޯޓު ކޮންސެޕްޓް އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވެލާނާ އެއާޕޯޓުން މިހާރު ހިދުމަތް ދެވެނީ އަހަރަކު ހަތް މިލިއަން މީހުންނަށް ކަމަށާއި، އެކަމަކު ފަތުރުވެރިކަމުގެ ދާއިރާ އާއި އިގްތިސޯދީ ދާއިރާގެ އެކި މާހިރުންގެ އެހީތެރިކަމާ އެކު ކުރެވުނު މަސައްކަތުން، އެއަށް ވުރެ ގިނަ މީހުންނަށް ވެލާނާ އެއާޕޯޓުން އަހަރެއްގެ މައްޗަށް ހިދުމަތްދެވޭނެ ކަން ހާމަވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށްޓަކައި ވެލާނާ އެއާޕޯޓު ފުޅާކޮށް ބޮޑުކުރެވެން އެބައޮތް ކަމަށާއި، އެހެންކަމުން މަދުވެގެން ތިން ގުނަ އަށް އެއާޕޯޓު ބޮޑުކޮށް ހުޅުވާލާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މިއަދު އިފްތިތާހުކުރި މި މަޝްރޫއުގެ ބޮޑު ބައެއް ނިންމައި، ދިހަ އަހަރު ދުވަހުގެ ތެރޭގައި މި މަޝްރޫއު އެއްކޮށް، ނުވަތަ ގިނަ މަސައްކަތްތައް ނިންމާލުމެވެ.

"އެހެންވީމާ، މި އަހަރުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ މި ޕްލޭންގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު މި މަސައްކަތް ކުރުމުގައި ކޮންމެހެން ފުރަތަމަ ފަށަން ޖެހޭ މަސައްކަތްތައް ފެށިގެން ދާނެ. އެއީ، ސީޕްލޭން ޓާމިނަލް، އެ ބަދަލުކުރަން ޖެހޭ ބަދަލުކުރުން،" ރައީސް ވިދާޅުވިއެވެ.

މަޝްރޫއުގައި ހިމެނޭ މަސައްކަތްތަކަށް ބޭނުންވާ ބިން ހިއްކާނެ ޖާގަ ލިބޭނީ ސީޕްލޭން ޓާމިނަލް އެހެން ތަނަކަށް ބަދަލުކުރެވިގެން ކަމަށް ވިދާޅުވިއެވެ.

"2000 ޕެސެންޖަރުންނަށް ޑޮމެސްޓިކް ޓާމިނަލަކުން ހިދުމަތް ދެވޭ ވަރުގެ ފުޅާ، ބޮޑު، ޒަމާނީ ޕެސެންޖާ ޓާމިނަލާއި، ކާގޯ ފެސިލިޓީ އާއި، ޖެޓް ޓަރމިނަލާ، މި ހުރިހާ ތަނެއް ހިމެނޭ ޖާގަ މި ހިއްކަނީ،"

މި މަސައްކަތާ އެންމެ ގުޅިފައިވާ އެއް ކަމަކީ ކ. ފުނަދޫގައި މިހާރު ހުރި ތެޔޮ ރައްކާކުރާ ސްޓޯރޭޖް އެހެން ތަނަކަށް ބަދަލުކުރުން ކަމަށާއި، މި އަހަރު އެ މަސައްކަތް ފަށައި، އެންމެ ލަސްވެގެން ދެ އަހަރު ދުވަހުން ނިންމާލެވޭނެ ކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ

އިތުރަށް ތަފްސީލުކުރައްވަމުން ރައީސް ވިދާޅުވި ގޮތުގައި:

  • ފުނަދޫ ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރަކަށް ހަދައި ތަރައްގީކުރުމަކީ ސަރުކާރުގެ ތަސައްވުރުގައިވާ ކަމެއް
  • ފުނަދު އާއި މާލެ، އަދި ފުނަދު އާއި ހުޅުލެ ބްރިޖަކުން ގުޅާލައި، ހުޅުލޭން ހުޅުމާލޭން ސީޕްލޭން ޓާމިނަލަށް ވަށާޖެހޭ ގޮތަށް ބްރިޖު އަޅައި، މޮނޮރެއިލް ސިސްޓަމެއް ގާއިމްކުރުމަކީ ވެސް ސަރުކާރުގެ ތަސައްވުރުގައިވާ ކަމެއް

"އެހެންވީމާ، މީގައި މިހިރީ ގިނަ ކަންތައްތަކެއް އެއްފަހަރާ ޕެރަލަލްކޮށް ފެށޭ ކަހަލަ މަސައްކަތް. އެ މަސައްކަތްތަކަށް އިންވެސްޓަރުން ހޯދުމާއި، އެކިކަހަލަ ލުއި ފައިނޭންޝަލް ފެސިލިޓީޒްތައް ފަހިކުރުމާއި، މިފަދަ ކަންކަމަކީ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ހަމަ މިހާރުން ފެށިގެން ފަށަން ގަސްތުކޮށްފައިވާ ކަންތައްތައް. މިހާރުން މިހާރަށް މި ދެންނެވީ، ހަމަ މިއަދުން ފެށިގެން ވެސް ފެށިފައިވާ ކަންކަން،" އެމަނިކުފާނު ވިދާޅުވިއެވެ.