އެއާޕޯޓު އަޅާ ރަށްތަކަކަށް ސީޕްލޭން ހިދުމަތެއް ނުދޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީ އިން ބުނެފިއެވެ.

އެ މިނިސްޓްރީއިން މިފަދައިން ބުނެފައިވަނީ ރައްޔިތުން މަޖިލީހުގެ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަރު ހުސެއިން ނަޒީރު ސީޕްލޭންގެ ހިދުމަށް އެންމެ ބޮޑަށް ބޭނުންވާ ރަށްތައް ކަނޑައަޅާފައިވާނެ ކަމަށާއި އެ ހިދުމަތް އެންމެ ފުރަތަމަ ފަށާނީ މ. މުލި އަދި ހދ. މަކުނުދޫއަށް ކަމަށް ވިދާޅުވެފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުނެފައި ވަނިކޮށެވެ.

އެ މިނިސްޓްރީއިން މިއަދު ބުނީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ވައިގެ ދަތުރުފަތުރުގެ ވިއުގައިގެ ތެރެއިން ރާއްޖޭގެ ކޮންމެ ރަށަކުން އެއާޕޯޓަކަށް 30 މިނެޓުން ދެވޭ ގޮތަށް ވައިގެ ދަތުރު ފަތުރުގެ ވިއުގަ ބައްޓަން ކުރުމަށް އަމާޒް ހިފާފައިވާ ކަމަށާއި އެގޮތުން ފުރަތަމަ ސަރުކާރުގެ ވިސްނުން ހުރީ އެއާޕޯޓް ނާޅާ ސީޕްލޭންގެ ހިދުމަތުން ގުޅާލެވޭ ރަށް ރަށް ގުޅާލުން ކަމަށެވެ.

އެހެނަނަމަވެސް ހެދިފައިވާ ރިސާޗް ތަކާއި ފީސިބިލިޓީއަށް ބެލުމަށްފަހު ސަރުކާރުން ވަނީ މަކުނުދޫ އާއި މުލީގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފާ ކަމަށް އެ މިނިސްޓްރީއިން އިތުރަށް ވަނީ ބުނެފައެވެ.

މުލީ އެއާޕޯޓުގެ މަސައްކަތް ބާރު ސްޕީޑްގައި އެމްޓީސީސީއިން ކުރިއަށްގެންދާއިރު އެ ކުންފުނިން ހިއްސާކުރި އެ އެއާޕޯޓުގެ އެންމެ ފަހުގެ މައުލޫމާތުގައި ވަނީ އެ މަޝްރޫއުގެ ދަށުން ފަޔާ ބިލްޑިން ޕްލާސްޓް އެޅުމުގެ މަސައްކަތުގެ 68 ޕަސަންޓު މިހާރު ނިމިފައިވާ ކަމަށާއި އަދި ރަންވޭ ހިއްކުމުގެ 42 ޕަސަންޓު ނިންމާފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިންހިއްކުމާއި، 1،812 މީޓަރުގެ ސަރަޙައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުން ހިމެނޭއިރު 1،200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ގާއިމުކުރުމާއި ޓެކްސީވޭއަކާއި އޭޕްރަންއެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ. އަދި އެއީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ޕްލޭނިން މިނިސްޓްރީން، އެމްޓީސީސީއާ ހަވާލުކޮށްފައިވާ 221.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މީގެ އިތުރުން މަކުނުދޫއާއެކު 6 ރަށެއްގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން އިއުލާންކޮށްފައިވާއިރު މަކުނުދޫ އެއާޕޯޓުގެ މަސައްކަތަށް 23,300,000 ޑޮލަރު ހޭދަކުރެވޭނެ ކަމަށް އެ މިނިސްޓްރީއިން އަންދާޒާކުރެއެވެ.