ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖުމްލަ 649 ސީޕްލޭންގެ މޫވްމެންޓު ހިނގާ އާ ރިކޯޑެއް ގާއިމުކޮށްފިއެވެ.

މި ރިކޯޑު އާ ކޮށްފައި ވަނީ މި ހިނގާ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހުއެވެ. އެއާޕޯޓުގައި ސީޕްލޭން މޫވްމެންޓް އަންނަނީ ދުވަހެއް ދުވަހަކަށްވުރެ އިތުރު ވަމުންނެވެ. އެގޮތުން އެންމެ ފަހުން ރިކޯޑު އަދަދަކަށް ސީޕްލޭން މޫވްމެންޓް ހިނގާފައި ވަނީ މިދިޔަ އަހަރު އެވެ.

އެއީ ޖުމްލަ 635 މޫވްމަންޓާއެކުއެވެ. ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ސީޕްލޭންގެ ހިދުމަތް ފޯރުކޮށްދެމުން ދަނީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިންކަމަށްވާއިރު ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓްވެސް އޮންނަނީ ޓީއެމްއޭގައެވެ. ޓީއެމްއޭގެ އިތުރުން މޯލްޑިވިއަނުންވެސް ފުޅާ ދާއިރާއެއްގައި ސީޕްލޭންގެ ހިދުމަތް ފޯރުކޮށްދެމުންދެއެވެ.

ވީއައިއޭގެ އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިންމާ އެތަން އެމްއޭސީއެލްއާ ހަވާލުކޮށްފައި ވަނީ 2021 ވަނަ އަަހަރުގެ އޮގަސްޓު މަހުއެވެ. ވީއައިއޭގެ އާ ސީޕްލޭން ޓާމިނަލްއަކީ އެމްއޭސީއެލް އިން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާފައިވާ ފުރިހަމަ އިމާރާތެކެވެ.

އާ ސީ ޕްލޭން ޓާމިނަލް ހަދާފައިވަނީ 3.2 ހެކްޓަރު (32،000 އަކަމީޓަރު)ގެ ބިން ހިއްކައިގެންނެވެ. މި މަސައްކަތް ކުރީ އާ ރަންވޭގެ މަސައްކަތް ކުރި ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ. މި ތަނުގައި ބޯޓު މަރާމާތު ކުރާ ސަރަހައްދެއްގެ އިތުރުން ލައުންޖުތައް ވެސް ހުރެއެވެ. ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށް ވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެއެވެ.