އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ސަސްޕެންޑްކޮށްފިއެވެ.

އަހުމަދު އަލީ ސަސްޕެންޑްކޮށްފައިވަނީ ކީއްވެ ކަމެއް އަދި ސާފުވެފައި ނުވި ނަމަވެސް އޭނާ ސަސަޕެންޑްކޮށްފައިވަނީ އަމިއްލަ ފަރާތުން ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅައިގެން ބަލަމުންދާ މައްސަލައަކާ ގުޅިގެން 30 ދުވަހަށެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިންގައި ސިވިލް ސާވިސްއެއްގެ މުވައްޒަފެއްގެ ގޮތުގައި ހުންނަވައިގެން އަހުމަދު އަލީ އުޅުއްވުމާ ގުޅިގެން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އަދި އެކަމަށް އެކްސްގައި އާންމުން ކީ ފާޑުކިޔުމަށް އަހުމަދު އަލީ ވަނީ ރައްދުވެސް ދެއްވާފައެވެ.

ރައްދުގައި އަހުމަދު އަލީ ވަނީ ރައީސްއަކާއެކު ފޮޓޯ ނެގުމަކީ ސިވިލް ސާވިސްގެ ގަވާއިދު ހުރަސްއަޅާ ކަމެއް ކަމަށް ސާބިތުކޮށްދެއްވުމަށްވެސް އެދިފައެވެ.

އަހުމަދު އަލީ އެ މަގާމަށް ހަމަޖައްސަވާފައިވަނީ މިދިޔަ ސަރުކާރުގައި 2019 ވަނަ އަހަރުގެ ތެރޭގައެވެ. އަދި ފަސް އަހަރަށް އައްޔަންކުރި އަހުމަދު އަލީގެ މަގާމުގެ މުއްދަތު ހަމަވުމަށް ދެން އޮތީ މަދު ދުވަސްކޮޅެކެވެ.