ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅު މިއަންނަ އާދިއްތަ ދުވަހު ކުރެއްވުމަށް ހަމަޖެހިވަޑައިގެންފައި ވީ ނަމަވެސް އެކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ބަހެއް އަދި އިތުރު ތަފްސީލުވެސް ވަނީ ލިބޭގޮތް ނުވެފައެވެ.

ރައީސް އާދިއްތަ ދުވަހު ޗައިނާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) އިން އިންތިޒާމު ކޮށްގެން ބޭއްވި "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ވެސް ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވަނީ މީގެ ކުރިން ޗައިނާ އަށް ވަޑައިގެންފައެވެ.

ޗައިނާގެ އިތުރުން އިންސާނީ ހައްގުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާ، "ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތު "ހިއުމަން ރައިޓްސް 75" ފާހަގަކުރުމަށްޓަކައި ބޭއްވި މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޖެނީވާއަށް ވެސް ވަޑައިގެންނެވިއެވެ.

ޗައިނާގެ ދަތުރުފުޅަކީ ރައީސް ކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ރާއްޖެއިން ބޭރަށް ރައީސް މުއިއްޒު ކުރައްވާ ތިން ވަނަ ދަތުރުފުޅެވެ. ފުރަތަމަ ވަޑައިގެންނެވީ ތުރުކީއަށެވެ. އެ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ ކޮޕް-28ގައި ބައިވެރިވެވަޑައިގެންނެވުމަށް ޔޫއޭއީއަށް ވެސް ވަޑައިގަންނަވާފައެވެ.