މާލޭގައި ވަގުފް އިމާރާތެއް އެޅުމަށް އިސްލާމިކް މިނިސްޓްރީއިން ވަޒީރުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އިސްލާމިކް މިނިސްޓްރީއިން މާލޭގައި އިތުރު ވަގުފް އިމާރާތެއް އެޅުމަށް ހުށަހަޅާފައި ވަނީ ރާއްޖޭގައި ހުރި ވަގުފްތައް އިތުރުކޮށް ލިބޭ އާމްދަނީއިން ދީނީ ކަންކަމަށް ކުރެވޭ ހޭދަ އިތުރު ކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން ކަމަށެވެ.
އިސްލާމިކް މިނިސްޓްރީއިން ހުށަހެޅި އެ ކަރުދާހުގައި ވަނީ މާލޭގައި އިތުރު ވަގުފް އިމާރާތެއް އެޅުމަށް ބިހުރޯޒް ކަމަނާ މިސްކިތާއިން ވެގެން އޮތް އިސްލާމިކް މިނިސްޓްރީގެ ގުދަން އިމާރާތް މިހާރު ހުރި ބިމުގެ ރަޖިސްޓްރީ މާލެ ސިޓީ ކައުންސިލުން އިސްލާމިކް މިނިސްޓްރީއަށް ބަދަލުކޮށް އެ ތަނުގައި ވަގުފް އިމާރާތެއް އެޅުމަށެވެ.
ނާޒިމް ވިދާޅުވީ އެ ކަރުދާހަށް މަޝްވަރާ ކުރުމަށްފަހު ނިންމާފައި ވަނީ އިސްލާމިކް މިނިސްޓްރީގެ ގުދަން އިމާރާތް ހުރި ބިން ނޫން މާލޭގެ އެހެން ބިމެއް ވަގުފް އިމާރާތް އެޅުމަށް ދިނުމަށެވެ. އެއީ ބިހުރޯޒު ކަމަނާ މިސްކިތަކީ ތާރީހީ ބިނާއަކަށްވެފައި، ތާރީހާއި ސަގާފަތް ދިރުވާ އާލާ ކުރުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު އަމާޒަކަށްވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ވަގުފު އިމާރާތެއް އެޅުމަށް އެހެން ބިމެއް ހަމަޖައްސައި ދިނުމަށް ނިންމާފައި ވާއިރު، އެ މަސައްކަތް ހައުސިން މިނިސްޓްރީ އަދި އިސްލާމިކް މިނިސްޓްރީގެ މަޝްވަރާގެ މަތިން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
200 މިލިއަން ރުފިޔާގެ ވަގުފް ޕްރޮޖެކްޓެއް ހުޅުމާލޭގައި ކުރިއަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ނިންމާފައެވެ. އެ މަޝްރޫއުގެ މަސައްކަތް މި މަހުގެ ތެރޭގައި ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ.