އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.

މިބިލަކީ، މިދިޔަ މަހުގެ 18 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 37 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ބިލުގައި ގާނޫނުއަސާސީގެ ދަށުން ލިބިދޭ މަސައްކަތްތެރިންގެ ޖަމިއްޔާތައް އުފެއްދުމާއި، އެފަދަ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ ހައްގު ކުރިއަރުވައި އެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން ކުރާނެ ކަންކަން ބަޔާންކޮށްފައިވެއެވެ. އަދި އެ ހައްގު ލިބިދެވޭނެ ދާއިރާ އެކަށައެޅުމާއި، މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފެއްދުމާއި އެފަދަ ޔޫނިއަންތައް ހިންގުމާގުޅޭ އުސޫލުތައް މި ބިލުގައި ހިމަނާފައި ވެއެވެ.

މީގެއިތުރުން މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުގެ ދެމެދުގައި އުފެދޭ މައްސަލަތަކާއި ދެބަސްވުންތައް ހައްލުކުރުމާގުޅޭ އުސޫލުތަކާއި، ޓްރޭޑް ޔޫނިއަންތަކާގުޅޭ އެނޫންވެސް ކަންކަން އިންތިޒާމު ކުރުމުގެ އުސޫލުތައް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، ރަޖިސްޓްރާ އޮފް ޔޫނިއަންސްގެ މަގާމަށް ރައީސް މީހަކު އައްޔަންކުރުމަށް ކަނޑައަޅާފައިވެއެވެ. އަދި ބިލުގައި ބަޔާންކޮށްފައިވާގޮތުން މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް ރަޖިސްޓަރީކުރުމުގައާއި، ގާނޫނާ ހިލާފުވާ ޔޫނިއަންތަކާމެދު ފިޔަވަޅު އެޅުމުގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނީ ރަޖިސްޓްރާ އޮފް ޔޫނިއަންސް އެވެ.

މި ބިލު ގާނުނަކަށްވެ އޭގެ ދަށުން ޔޫނިއަންތައް ރަޖިސްޓަރީކުރުމަށް އެކުލަވާލާ ގަވާއިދަށް އަމަލުކުރަން ފަށާތާ 3 މަސްދުވަހުގެ ތެރޭގައި، ކުރިން އެހެން ގާނޫނެއްގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގަމުން އައި މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓްރާ އޮފް ޔޫނިއަންސްއަށް ހުށަހަޅައިގެން ރަޖިސްޓަރީ ކުރަންޖެހެއެވެ.

ހަމައެއާއެކު މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި 8 މެންބަރުންގެ މައްޗަށް އެކުލެވޭ "ޓްރައިޕާޓައިޓް އެޑްވައިޒަރީ ބޯޑު"ގެ ނަމުގައި ބޯޑެއް އުފެއްދުމާއި ހަމަ އެ މުއްދަތުގެ ތެރޭގައި "އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަން"ގެ ވަކި ޑިވިޝަނެއް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި އުފެއްދުމަށް ވެސް ބިލުގައި ކަނޑައަޅާފައިވެއެވެ.

މީގެއިތުރުން އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގުކުރެއްވުމާއި ގުޅިގެން ގެޒެޓުގައި ޝާއިރުކޮށްފައިވީ ނަމަވެސް މި ގާނޫނަށް އަމަލުކުރަން ފަށާނީ 3 މަސްދުވަސް ފަހުންނެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުން ހައްލުކުރުމުގައި މުއާމަލާތްކުރުމުގެ ގަވާއިދު އުވިގެންދާނެއެވެ.