މިހާރު ކުރަމުންދާ ވިއްސާރާގައި ގެއްލުންވެ، މާލޭގެ 96 ގެއެއްގެ މީހުން ވަގުތީ ހިޔާއަށް ބަދަލު ކުރަންޖެހޭ ކަމަށް ޑިޒާސްޓާ މެނޭޖްމެންޓާ ހަވާލާދީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބޯކޮށް ވާރޭވެހި، މާލޭގައި ފެންބޮޑުވެފައި ވާއިރު، ރައީސް މުއިއްޒު ވަނީ ގެއްލުން ލިބުނު ގެތަކަށް ޒިޔާރާތް ކުރައްވާފައެވެ.

އެ ޒިޔާރާތަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިހާރުވެސް ފެން ހިންދުމުގެ މަސައްކަތް ކުރަމުން ދަނީ ސްޓޯމް ވޯޓާ ނިޒާމުގެ ފުރިހަމަ ބާރުގައި ކަމަށެވެ. އެހެން ނަމަވެސް މިފަދަ ހާލަތަކާ އެ ނިޒާމު އެކަށީގެންނުވާ ކަމަށާއި އެ ނިޒާމު އަޕްގްރޭޑްގެ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މާލޭގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހަދަން ނިންމަވާފައިވާ ކަމަށާއި މަގުތައް ހަދާއިރުގައި ވަރަށް ވަރުގަދަ ސްޓޯމް ވޯޓާ ނިޒާމެއް ގާއިމް ކުރަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެ ނިޒާމު ގާއިމް ކުރާނީ ފަލަ ހޮޅިތަކަކާއެކު ވަރުގަދަ ޕަންޕިން ނިޒާމެއްގެ ގޮތުގައި ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެގޮތަށް މަގުތައް ހެދުމުން މިފަދަ ހާލަތެއްގައި ވެސް ގެތައް ސަލާމަތްވެ، މީހުންގެ ފުރާނައިގެ އިތުރުން ދިރިއުޅުމަށް ކުރާ މަސައްކަތްތައް ސަލާމަތް ކުރެވޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މިއަށްވުރެ ބޮޑު ތަނުން މިކަން ރަނގަޅު ކުރައްވާނެ ކަމަށެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ މާލޭގެ އިތުރުން ރަށްރަށުގައި އެ މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި މިފަދަ ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން ޑިޒާސްޓާ މެނޭޖްމެންޓުން އެހީވުމުގެ ކެޕޭސިޓީ ވަރުގަދަ ކުރައްވާނެ ކަމަށެވެ. އެގޮތުން އެމަޖެންސީގައި ގޭގެއަށް އަދި މީހުންނަށް ފޯރުކޮށްދޭން ޖެހޭ އެހީ (ވަގުތީ ހިޔާ ހިމެނޭހެން ހުރިހާ އެހީއެއް)އަކާއި މުޅި ޑިޒާސްޓާ މެނޭޖްމެންޓް ނިޒާމް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަވަސްފިޔަވަޅުތަކެއް އަޅާ އެކަންކަން ރަނގަޅު ކުރެވިގެންދާނެ ކަމަށާއި މިއަދު ގެއްލުން ލިބުނު މީހުންނަށް އެހީވުމުގެ ކަންކަން ހުރިހާ ވުޒާރާއެއް ގުޅިގެން ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިރޭން މިރެއަށް މީހުން ބަދަލު ކުރަންޖެހޭ ގޭގެ ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މާލޭގެ 96 ގެއެއްގެ މީހުން ވަގުތީ ހިޔާއަށް ބަދަލު ކުރަން ޖެހޭ ކަމަށް ޑިޒާސްޓާއިން މައުލޫމާތު ދީފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.