ހުޅުމާލޭގެ ހުރިހާ މުނިސިޕަލް ހިދުމަތްތައް މާދަމާއިން ފެށިގެން މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން މިއަދު ނިންމައިފިއެވެ.
އެކަން ހާމަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އޮފީހާއި މެޝިނަރީޒާއި އެހެނިހެން ވަސީލަތްތަކާއި މުނިސިޕަބަލް ބިން އަދި މުވައްޒަފުން ބަދަލުކުރުމުގެ މަސައްކަތް އެއް މަސް ތެރޭގައި ކުރެވިގެންދާނެ ކަމަށެވެ. އަދި މިހާރު ވަޒީފާގައި ތިބި މުވައްޒަފުންނަށް އިތުރު އެއް އަހަރު ދުވަހު އެ މުސާރަ ލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެކަމުގެ އިތުރު ތަފްސީލު ފަހުން ހާމަކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެނައުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅަކަށްވާއިރު މިއަދު ރައީސް މުއިއްޒު ވަނީ އެކަން ފާހަގަވެސް ކުރައްވާފައެވެ.
އެ މައްސަލާގައި މީގެ ކުރިން ހުޅުމާލޭގެ މުނިސިޕަލްގެ ހުރިހާ ހިދުމަތްތަކެއް ދެމުން އަންނަ އާބަންކޯއާއި މާލެ ސިޓީ ކައުންސިލާ ދެމެދު ވަނީ ހިޔާލުތަފާތުވެސް އެ މައްސަލަ ވަރަށް ހޫނުވެސްވެފައެވެ. އޭރު މިހާރުގެ ރައީސް މުއިއްޒު ހުންނެވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމުގައެވެ.