ހުޅުމާލޭގައި އިމާރާތް ކޮށްފައި ވާ ސޯޝަލް ހައުސިން ފްލެޓްތަކުގެ ކުލި ނުދެއްކިގެން ކޮށްފައިވާ ޖޫރިމަނާ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތަށް މާފުކޮށްދީފިއެވެ.

މިއަދު އާބަންކޯއިން ސަރުކާރުގެ 14 ހަފްތާ މަގު ޗާޓާ އެއްގޮތް ވާނެހެން ޑިސެމްބަރު 31، 2023 ގެ ނިލަޔަށް ހުރި ހުރިހާ ޖޫރިމަނާއެއް މާފުކޮށްދީފައި ވާ ކަމަށެވެ.

މީގެ އިތުރުން ފެލްޓްތަކުގެ ވެރިންނަށް އިތުރު ލިޔެއްވެސް ވަނީ ހަމަޖައްސައި ދީފައެވެ.

އެގޮތުން ފްލެޓަށް ނުދެއްވި ބާކީ އޮތް އަދަދު ބަހާލައިގެން ދެއްކޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައި ދީފައެވެ. އަދި ފެލްޓްގެ އެއްބަސްވުން އިސްލާމީ އުސޫލާ އެއްގޮތްވާ އެއްބަސްވުމަކަށް ބަދަލުކުރުމުގެ ފުރުސަތުވެސް ދޭނެ ކަމަށް އާބަންކޯއިން ބުނެއެވެ.

އެއަށް ފަހު ފައިސާ ނުދެއްކިގެން ނަގާ ޖޫރިމަނާ އަކީ ކޮންމެ މަހަކު ދައްކަން ޖެހޭ ކުލީގެ 1 ޕަސެންޓް ކަމުގައި ވެސް އެ ކުންފުނިން ވަނީ ހަމަޖައްސާފައެވެ. އެހެން ހެދުމުން ދުވަހުން ދުވަހަށް ޖޫރިމަނާ ނެގުން ހުއްޓި، ކުލި ނުދައްކައިގެން ޖޫރިމަނާ ވާނީ 1 ޕަސެންޓް ކަމާއި ޖޫރިމަނާ އަށް އަރާ އަދަދު ފްލެޓްގެ ވެރިފަރާތަށް ވެސް އެނގިގެން ދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މީގެ ކުރިން ޖޫރިމަނާ އަށް ނަގަމުން ދިޔައީ 18 ޕަސެންޓެވެ. ނަމަވެސް އަލަށް މިގެނައި ބަދަލާ އެކު ނަގާ 1 ޕަސެންޓް ދެން ޖަމާ ކުރަމުން ގެންދާނީ ސަދަގާތު ފަންޑަށް ކަމަށް ވެސް އާބަންކޯއިން ވަނީ ބުނެފައެވެ.

މި ގެނައި ބަދަލާއެކު އިސްލާމީ އުސޫލާ އެއްގޮތަށް އެއްބަސްވުން ބަދަލު ކުރުމަށާއި ދައްކަން ޖެހި ނުދެއްކިވާ ފައިސާ ބަހާލައިގެން ދައްކަން ބޭނުންވާ ފަރާތްތަކުން މި ފެށެ ޖެނުއަރީ 10 ގެ ކުރިން އެކަމަށް އެދި ފޯމެއް ހުށަހަޅަން އެ އިދާރާއިން ވަނީ އަންގާފައެވެ.