ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ކައުންސިލުތަކަށާއި ކުންފުނިތަކަށާއި ޖަމިއްޔާތަކަށް ރަސްމީކޮށް ހުޅުވާލައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނީ، މި ޕްރޮގްރާމުގައި ބައިވެރިވުމަށް ކައުންސިލުތަކަށާއި ރާއްޖޭގެ ކުންފުނިތަކަށާއި މަދަނީ ޖަމިއްޔާތަކަށާއި ރިސޯޓުތަކަށް ހުޅުވާލާ ކަމަށެވެ.

އެ މިނިސްޓްރީން ވަނީ، ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުން މާލީ ވަސީލަތްތަކާއި ފަންނީ ވަސީލަތްތަކާއި އިންސާނީ ވަސީލަތްތައް ފޯރުކޮށްދެވެން އޮތް މިންވަރަކުން ފޯރުކޮށްދިނުމަށް އެދިފައެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީ އަށް އީމެއިލުން އެކަން އެންގުމަށް މިނިސްޓްރީން އެދެއެވެ.

މި މަހުގެ ކުރީކޮޅު ޔޫއޭއީގެ ދުބާއީގައި އޮތް ކޮޕް-28 ގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫއެއް ހިންގެވުމަށް ވައުދުވެވަޑައިގެންފައެވެ.

އެކަން ފާހަގަކޮށް މިނިސްޓްރީގެ ސާކިއުލާގައި އިތުރަށް ބުނީ، ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ސަބަބުން، ރާއްޖެ އަށް ކުރިމަތިވާ ތިމާވެށްޓާ ގުޅުންހުރި ނުރައްކާތައް ނައްތާލުމަށް މަސައްކަތްކުރުމަށާއި، އާންމުން ދިރިއުޅޭ މާހައުލާއި އާންމުންގެ ސިއްހަތު ރައްކާތެރިކުރުމަށާއި، ރާއްޖޭގެ މާހައުލީ ނިޒާމުތައް ރައްކާތެރިކުރުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.