ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދަނީ ވަރަށް ލަސްކޮށް ކަމަށާއި ނަމަވެސް ދެފަރާތް ގުޅިގެން އެއްކޮށް މަސައްކަތްކޮށްފިނަމަ މި މަޝްރޫއުގެ މަސައްކަތް އަވަސްކުރެވިގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން މިއަދު ހެނދުނު ގެނެސްދިން "ބާއްޖަވެރި ހެނދުނެއް"ގެ ހާއްސަ ޕްރޮގްރާމުގައި ރައީސް ވަނީ ރާއްޖޭގެ ތަރައްގީއަށް ހިންގަމުންދާ ބައެއް ކަންކަމާއި ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. މި ޕްރޮގްރާމްގައި ރައީސް ވަނީ މާލެއާ ވިލިނގިލި އަދި ގުޅީފަޅާއި ތިލަފުށި ހިމެނޭހެން ހަދަމުންދާ ބްރިޖުގެ މަސައްކަތްވެސް މިހާރުގެ ޝެޑިއުލްއަށްވުރެ އަވަހަށް ނިންމުމަށް ބާރުއަޅައި ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާފައެވެ.

މި ގޮތުން ރައީސް ވިދާޅުވީ ސަރުކާރާ ހަވާލުވެވަޑައިގެންނެވިފަހުން އެމަޝްރޫއުގެ މަސައްކަތް އަވަސްކުރުމަށް އަދި ފުރުސަތެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. ކުރީ ސަރުކާރުން އެމަޝްރޫއު ކުރިއަށްގެންދާ ކުންފުންޏަށް ވަރަށް ބޮޑަށް އިތުރު ވަގުތު ދީފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިހާރު އޮތް ގޮތުން އެ މަސައްކަތް ނިމޭނީ 2027 ވަނަ އަހަރުގެ ކުރީކޮޅު ނުވަތަ 2026ގެ ފަހޮކޮޅަށް ކަމަށެވެ،

މީގެ އިތުރުން ރައީސް ވިދާޅުވީ ކޮޕް ސަމިޓްގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ބްރިޖް މަޝްރޫއު އަވަސް ކުރަން ބޭނުންފުޅުވާކަމަށާއި ދެ ގައުމަށްވެސް އެންމެ ފައިދާހުރި ގޮތަކަށްވާނީ އެގޮތްކަމަށް ދަންނަވާފައިވާނެކަމަށެވެ. އަދި ސިނަމާލެ ބްރިޖުގެ މަޝްރޫއު ކުރިއަށްގެންދިޔަ ގޮތަށް ތިލަމާލެ ބްރިޖުގެ މަސައްކަތް ބަދަލުކުރެވޭތޯ ބައްލަވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް ރައީސް ވިދާޅުވީ ދެ ގައުމުގެ އިސް ފަރާތްތަކުން ނިންމަވައިފިނަމަ މަޝްރޫއު އަވަސް ކުރަން ކުރެވިދާނެ ޓެކްނިކަލް ކަންކަން އެބަހުރި ކަމަށާ އެ މަސައްކަތް 2025 ވަނަ އަހަރަށް ވިލިމާލެއާ ހަމައަށް ނިންމާދިނުމަށް އެދިވަޑައިގެންފައި ވާނެކަމަށެވެ.

މީގެއިތުރުން ރައީސް ވަނީ އާރްޓީއެލް ފެރީ ނިޒާމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ގިނަވެގެން ކުރިޔަށް އޮތް ދެ އަހަރެއްގެ ތެރޭގައި މުޅިރާއްޖެއަށް ހިދުމަތް ފުޅާކުރެވޭނެކަމުގައެވެ. ހަމައެހެންމެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މާލެއާ މުޅި ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކާއެކު މި ފަސްއަހަރުގެ ދަޢުރު ނިމޭއިރު ބޯހިޔާވަހިކަން ނުލިބޭ މީހަކު ނުހުންނާނެކަމަށް އެމަނިކުފާނު ވިދާޅުވަމުންގެންދަވާ ވާހަކަފުޅު ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފައެވެ.