އައްޑޫސިޓީ ހިތަދޫ ގައި ހުންނަ ފައިވާން ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ހިތަދޫ ފެބްރުއަރީގެ ކައިރީގައި ހުރި ފައިވާން ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ސަތަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔާ ސްޓޭޝަނުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަކަމަށެވެ. އަދި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާއިރު މި ހާދިސާ ގައި އެއްވެސް މީހަކަށް އަނިޔާވެފައިވާކަމުގެ މައުލޫމާތު އަދި ލިބިފައިނުވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ،

މައުލޫމާތު ލިބިފައިވާ ގޮތުން މި ހާދިސާ ހިނގައިގެން އުޅޭ ގުދަން ހުންނަ ސަރަހައްދުގެ ކަރަންޓް ހިދުމަތްވެސް ވަނީ ކެނޑިފައެވެ. އެމްއެންޑީއެފް އާއި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނައިރު މި ހާދިސާގައި ގުދަނަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ. އަދި މި ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބުވެސް އަދި ސާފުވެފައެއް ނުވެއެވެ.

ފަހަކަށް އައިސް ރާއްޖޭގެ އެކި ހިސާބުތަކުގައި، މަދުން ނަމަވެސް އަލިފާނުގެ މިފަދަ ބޮޑެތި ހާދިސާތައް ހިނގަމުން އަންނައިރު، މިފަދަ ހާދިސާތަކުގައި ބައެއްފަހަރު މީހުންގެ ފުރާނައަށްވެސް ނުރައްކާވެފައިވެއެވެ.