ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ 93 ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލާން ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ

ޖޭޕީން މީގެ ކުރިން ދާއިރާތަކަށް ވާދަކުރައްވަން ބޭނުންވާ މެންބަރުންނަށް އެ ފުރުސަތު ހުޅުވާލީ މިމަހުގެ 17 ވަނަ ދުވަހުން 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޖޭޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ދުވަސްވަރަކީ ސްކޫލް ބަންދު ދުވަސް ވަރަކަށްވުމާ ގުޅިގެން ގިނަ ބަޔަކު ރާއްޖެއިން ބޭރަށާއި ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރާ ދުވަސްވަރެއް ކަމަށެވެ.

އެހެން ކަމުން ޖޭޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރަން ބޭނުންވެފައިވާ ފަރާތްތަކަށް ކުރިން ހުޅުވާލި މުއްދަތުގައި ފޯމު ހުށަހެޅުމަށް ވަރަށް ގިނަ ބަޔަކަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އެހެންކަމުން މިހާރު އެ މުއްދަތު އަންނަ މަހުގެ 25 ވަނަ ދުވަހާއި ހަމަޔަށް އިތުރުކޮށްފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި:

  • ވަނަވަރު (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިމެނެއެވެ.

ކެންޑިޑެންސީ ކަށަވަރު ވާނީ އިންތިހާބުގައި ވާދަ ކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ މައުލޫމާތުގެ ސައްހަ ކަމާއި ގާބިލް ކަން ބެލުމަށްފަހު ކައުންސިލުން ނުވަތަ އެކަަމަށްޓަކާ ކައުންސިލުން ކަނޑައަޅާ ކޮމިޓީއަކުން ބެލުމަށްފަހު ކަމަށް ޖޭޕީން ވަނީ ބުނެފައެވެ. މި އިންތިހާބުގައި ކުރިމަތި ލުމަށް ވަކި ޝަރުތު ތަކެއް ކަނޑައަޅާފައި ނުވެއެވެ.

ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޖޭޕީ ވަކިން ވާދަ ކުރުމަށް ނިންމާފައިވާއިރު ދާދި ފަހުން ވަނީ ކުރިއަށް އޮތް އިންތިހާބުތަކުގައި މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީ އަދި ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީ އާ ވެސް މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

އެމްޑީޕީއާ އެކު ކުރެވުނު މަޝްވަރާތަކުގެ މާބޮޑު ތަފްސީލެއް ދެ ޕާޓީން ވެސް ހާމަކޮށްފައި ނުވާއިރު ޕީއެންސީން ބުނެފައި ވަނީ މަޝްވަރާ ބައްދަލުވުމުގައި ނިމުނު ގޮތަށް ޖޭޕީއާއެކު އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ވަނީ ޖޭޕީގެ ފަރާތުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަ ކުރައްވާފައެވެ. އިންތިހާބުގެ ފުރަތަމަ ބުރުން ގާސިމް ނާކާމިޔާބު ވަޑައިގެންނެވިއިރު އެމަނިކުފާނަށް ލިބިވަޑައިގަތީ 5460 ވޯޓެވެ. އެހެން އަހަރުތަކާ ހިލާފަށް މި އަަހަރު އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކާއެކު ކޯލިޝަނެއް ހަދާފައި ނުވެއެވެ.