މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް މިއަދު ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެމްޓީސީސީ އިން ބުނީ އެ ކުންފުނީގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ތައްޔާރީ ހާލަތެއްގައި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތްތަކަށް އަހުލުވެރިކުރުމުގެ ގޮތުން ކުރިއަށް ގެންދާ ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒް އޮންނާނީ މިއަދު މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށް ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބަސް ޑިޕޯގައިކަމަށެވެ.

މީގެ އިތުރުން އެމްޓީސީސީ އިން ބުނީ މި އިމަޖެންސީ އެކްސަސައިޒް ކުރިއަށްދާ ވަގުތުގައި ހާދިސާ ދިމާވެފައިވާ އެމްޓީސީސީގެ ބަސް ކަނޑައެޅިފައިވާ ވަކި ސޭފް ޒޯނަކަށް ގެންދެވޭނެ ކަމަށެވެ. އަދި މީހުން ބަހުން ނެރެ އިވެކުއޭޓްކުރުމުގެ މަސައްކަތް ކުރެވޭނީ މި ސޭފް ޒޯންގައި ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

މި އެކްސަސައިޒް ކުރިއަށްދާ ވަގުތު އިމަޖެންސީ ރެސްޕޯންސް ޓީމްތަކާއި ކަމާގުޅޭ އިދާރާތައް ތައްޔާރީ ހާލަތުގައި ތިބޭނެކަން ފާހަގަކޮށް އެމްޓީސީސީ އިން ވަނީ މި އެކްސަސައިޒްގެ މަންޒަރު ފެނި ކަންބޮޑުނުވުމަށް އިލްތިމާސްކޮށްފައެވެ.