މީޑިއާ ވިލެޖެއް އެކުލަވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ނިންމަވައިފިއެވެ.

އެކަން ހާމަކުރައްވާ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އިއްޔެ ބޭއްވި ކެބިނެޓުގެ ބައްދަލުވުމަށް މީޑިއާތަކާ ގުޅޭގޮތުން ހުށަހަޅުއްވާފައިވަނީ ޔޫތު މިނިސްޓްރީއިން ކަމަށެވެ.

ނާޒިމް ވިދާޅުވީ މީޑިއާތަކަށް ދައުލަތުން އެހީތެރިވުމުގެ ގޮތުން މަޝްވަރާކޮށް ހާއްސަކޮށް މީޑިއާތަކަށް ދައުލަތުގެ ނިޒާމުގެ ތެރެއިން ފައިސާ ދިނުމާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށެވެ. އަދި ނިންމުނު އެންމެ މުހިއްމު ނިންމުމަކީ މީޑިއާ ވިލެޖެއް އެކުލަވާލުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކަމާ ގުޅުން ހުރި ފަރާތްތަކާއެކުގައި ކުރިއަށް ގެންދިއުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ހަމައެއާއެކު ތަފްސީލުކޮށް ދައުލަތުގެ ބަޖެޓުން ވަކި ޕަސެންޓެއް މީޑިއާތަކަށް ދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިނިސްޓްރީތަކުން ކުރިއަށް ގެންދިއުމަށް ރައީސް ޑރ. މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

އިންތިހާބުން ކާމިޔާބުވެވަޑައިގެން "ނޫސްވެރިންގެ ގުންޒަރު" ނަމުގައި ސޯޝަލް ސެންޓަރުގައި ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ އެކި ތަންތަން ކުއްޔަށް ނަގައިގެން އޮފީސް ހަދަން ޖެހުމަކީ ކަންބޮޑުވުމެއް ކަމަށާއި ނަމަވެސް، އެއީ އެއް ދުވަހުން ހައްލު ގެނެވޭނެ ކަމަކަށްނުވި ނަމަވެސް ޕްލޭނެއްގެ ތެރެއިން އެ ކަން ހައްލުކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި އެ ކަމަށް ޓަކައި މާލެ ސަރަހައްދުގައި މީޑިއާ ވިލެޖެއް ގާއިމްކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ދާއިރާގެ ތައުލީމް ހާސިލްކުރުމަށް ޓަކައިފަހި ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ ގޮތުން މީޑިއާގެ ނޫސްވެރިކަމުގެ ދާއިރާގެ ކޯސްތަކުގައި ކޮންމެ އަހަރަކު ވެސް ވަކި އަދަދެއްގެ ކޯސްތަކުގައި ސްކޮލަޝިޕް ދީގެން ހިލޭ ކިޔެވޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މީޑިއާ ކުރިއެރުވުމަށާއި ނޫސްވެރިކަން ކުރިއެރުމަށް ދިމާވެފައިވާ ފައިސާގެ ދަތިކަން ހައްލުކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން ވަކި ޕަސެންޓެއް ހަމަޖެއްސުމަށް ކެމްޕެއިން ތެރޭގައި ވައުދުވެވަޑައިގެންފައި ވާނެކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް 49.5 ބިލިއަން ރުފިޔާގެ ބަޖެޖު މަޖިލިހަށް ފޮނުވުމުގެ ކުރިން އިންތިހާބީ ރައީސްގެ އޮފީހަށް ލިބުނު ފުރުސަތުގައި ގިނަ ނޫސްވެރިންނާ މަޝްވަރާ ކުރެވިފައި ނުވާތީ ވަކި ޕަސެންޓެއް މީޑިއާތަކަށް ދޭން ބަޖެޓުގައި ހިމަނާފައި ނުވި ނަމަވެސް މަޖިލިހުގެ ތެރެއިން އެކަން ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.