މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ދޭ އެންމެ ފަހުރުވެރި ލަގަބު "ބޮޑު ރަސްގެފާނު ލަޤަބު" ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފިއެވެ.

އެ ލަގަބު ރައީސްއަށް އަރުވާފައިވަނީ ރޭ ހޮޓަލް ޖެންގައި ބޭއްވި "އެމްއެންއޭސީއައި ބިލްޑާ އެވޯޑްސް 2023" ހަފުލާގައެވެ.

އެ ލަގަބު ރައީސްއަށް އަރުވާފައިވަނީ ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތައް އެމަނިކުފާނު ގެނެސްދެއްވާފައިވާ ކުރިއެރުމާއި ކޮށްދެއްވާފައިވާ ހިދުމަތުގެ އަގުވަޒަންކޮށް އެކަން ފާހަގަކުރެއްވުމުގެ ގޮތުންނެވެ. އަދި މިއީ އެ ލަގަބު އެރުވި ފުރަތަމަ ފަހަރެވެ.

ހައުސިން މިނިސްޓަރުގެ މަގާމުގައާއި މާލޭ ސިޓީ މޭޔަރުގެ މަގާމުގައި ހުންނަވައިގެން އެމަނިކުފާނު ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތައް ގިނަ ކުރިއެރުންތަކެއް ގެނެސްދެއްވާފައިވާކަން މަސީންވަނީ ފާހަގަކޮށްފައިވެއެވެ.

އެގޮތުން ރާއްޖޭގައި މިހާތަނަށް އިމާރާތްކުރެވުނު އެންމެ އުސް އިމާރާތްތައް ބިނާކުރެވިގެން ދިޔައީ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ. އޭގެތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ އިމާރާތާއި ހިޔާ މަޝްރޫއު ފާހަގަކޮށްލެވެއެވެ. މީގެއިތުރުން ރާއްޖޭގެ ތާރީހުގައި އެޅުނު ފުރަތަމަ ބުރިޖު "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު" އެޅިގެން ދިޔައީވެސް އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން އެ މަނިކުފާނު ހައުސިން މިނިސްޓަރު ކަމުގައި ހުންނަވަނިކޮށެވެ.