ހަމާސް އިން ރަހީނު ކުރި މީހުންގެ ތެރެއިން މިހާރުވެސް 170 ވަރަކަށް މީހުން އެ ޖަމާއަތުގެ އަތްދަށުގައި ގާޒާގެ އެކިއެކި ތަންތާނގައި ބައިތިއްބާފައި ތިބި އިރު 5 މީހުންގެ ގްރޫޕެއް ބަލަހައްޓާ މީހުންނާ ގުޅުން ކެނޑިއްޖެ ކަމަށް އެޖަމާއަތުގެ އަސްކަރީ ގޮފިން ބުނެފިއެވެ.

އެ ގޮފީގެ ތަރުޖަމާން އަބޫ އުބައިދާ ބުނީ, އިއްޔެއިން ފެށިގެން އެ މީހުންނާ ގުޅުން ކެނޑިފައި ވާ ކަމަށާއި ބެލެވެނީ އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން އެމީހުން މަރުވީ ކަމަށެވެ.

މިކަމާ ގުޅިގެން އިޒްރޭލުން އަދި ރައްދެއް ދީފައި ނުވާ އިރު, އިޒްރޭލުން މީގެ ކުރިން ބުނެފައި ވަނީ ރަހީނު ކުރި އެންމެން ދޫނުކޮށް ނުލައި ބައިތިއްބާނަމަ އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޒިންމާވާން ޖެހޭނީ ހަމާސް އިން ކަމަށެވެ.

އިޒްރޭލާއި ހަމާސް އާ ދެމެދު ސުލްހައިގެ ވަގުތީ އެއްބަސްވުމެއް ގާއިމުކޮށް ދެފަރާތުން ގިނަ އަދަދެއްގެ ރަހީނުން މިނިވަން ކުރި ފަހުން, ގާޒާގައި ތިބި ރަހީނުންގެ ތެރެއިން 3 މީހަކު ހަމާސްގެ އަތްދަށުން ފިލައިގެން ނިކުމެގެން އިޒްރޭލު ސިފައިންނާ ދިމާއަށް ދަނިކޮށް ބަޑިޖަހާ މަރާލި ހާދިސާއެއްވެސް މީގެ ކުރިން ހިނގާފައި ވެއެވެ.

ރަހީނުން މިނިވަން ކުރަން ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވި ތަނުން އިޒްރޭލުން އަލުން ހަމަލާ ދޭން ފެށުމާއެކު އިތުރު ރަހީނުން މިނިވަން ނުކުރާނެ ކަމަށް ހަމާސް އިން ދަނީ ބުނަމުންނެވެ. އަދި އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން ވެސް ކަށަވަރު ނުކުރެވޭނެ ކަމަށާއި ހަމަލާތައް ހުއްޓާލާނަމަ ރަހީނުން ދޫކުރަން އެއްބަސް ކަމަށް ބުނެފައި ވެއެވެ.

މިވާހަކަތަކަށް ބީރު ކަންފަތެއް ދީ އިޒްރޭލުގެ ހަމަލާތައް ވަރުގަދަ ކޮށްފައި ވާ އިރު, އެ 3 މީހުން މަރުވި ހާދިސާއަށް ފަހު އިތުރު ރަހީނުން މިނިވަން ކުރުމުގެ ވާހަކަ އަލުން ދައްކަމުން އައި ނަމަވެސް އެއްވެސް ކޮޅެއްގައި އަދި ނުޖެހެއެވެ. ގަތަރު މެދުވެރިއެއްގެ ދައުރު އަދާ ކޮށް ސުލްހައިގެ އެއްބަސް ވުމަކަށް ދެވޭތޯ މަސައްކަތް ކުރަމުން އަންނަ އިރު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެފައި ވަނީ, ރަހީނުން މިނިވަން ކުރެވޭނެ ކަމަށާއި ނަމަވެސް އަދި ވަގުތު ނަގާނެ ކަމަށެވެ. އެމެރިކާ އަކީ އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ހަމަލާތަކުގެ މުހިންމު ބައިވެރިއެއް ކަމުގައި ވާ އިރު, އިޒްރޭލަށް ހަތިޔާރާއި ރޭވުންތެރިކަމާއި މާލީ އެހީ, އެންމެ ބޮޑަށް ފޯރުކޮށްދޭ ގައުމަކީވެސް އެމެރިކާއެވެ.

ހަނގުރާމައިގެ އެންމެ ފަހުގެ ހަބަރުތަކަށް ބަލާއިރު މިއަދު ހަމާސްގެ ހަތިޔާރާ ބެހޭ ވިޔަފާރީގެ ވެރިޔާ މަރާލެވިފައި ވާ ކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ. ހަސަން އަތުރާޝް ނަމަކަށް ކިޔާ ލީޑަރަކީ ހަމާސްއަށް ބޭނުންވާ ހަތިޔާރު ސްމަގްލް ކުރުމާއި, އުފެއްދުމާއި ގަތުމުގެ ކަންކަން ބަލަހައްޓާ މީހާ ކަމަށް ވެސް އިޒްރޭލުން ބުނެއެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލުން ފަލަސްތީނުގެ 201 މީހަކު ޝަހީދު ކޮށްލައި 368 މީހަކު ޒަހަމް ކޮށްލާފައި ވެއެވެ. މިއާއެކު ޝަހީދުވި މީޙުންގެ ޖުމްލަ ވަނީ 20,258 އަށް އަރާފައެވެ. އަދި ޒަހަމްވި މީހުންގެ ޖުމްލަ އަދަދު ވަނީ 53,688 އަށް އަރާފައެވެ.

ގާޒާގެ ހާލަތު ހާމަ ކުރައްވަމުން އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގްޓަރޭޝް މިއަދު ވިދާޅުވީ, ދުނިޔޭގައި އެންމެ ހައިނޫނު ކަމުގައި ތިބި ކޮންމެ 5 މީހެއްގެ ތެރެއިން 4 މީހުންނަކީ ގާޒާގެ ރައްޔިތުން ކަމަށެވެ. އަދި އެއީ ހައިހޫނުކަމުގެ އެންމެ ނުރައްކާ ހާލަތު ކަމަށާއި, ގާޒާގެ ތެރޭގެ ކަންކަން ކިތަންމެ ގޯސްވެގެން ދިޔަ ނަމަމެސް އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އދ ގެ އިދާރާތަކުން އަދާކުރަމުން ގެންދާ ދައުރު ހުއްޓާނުލައި ކުރިއަށް ގެންދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.