19 ވަނަ މަޖިލީހުގެ މި ހިނގާ ދައުރު ހަމަވާން ކައިރިވެފައި ވަނިކޮށް، މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ މުސާރަތައް ބޮޑުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމަކީ މެންބަރުންގެ ނަޒާހާތްތެރިކަމާއި ނިޔަތާ މެދު ސުވާލު އުފެދޭނެ ކަމެއް ކަމަށް ބުނެ، ޓްރާންސްޕޭރަންސީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މެންބަރުންގެ މުސާރަ ބޮޑުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމީ މިދިޔަ އަންގާރަ ދުވަހު އެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައެވެ. އެގޮތުން މަޖިލީހުގެ މެންބަރުންގެ އަސާސީ މުސާރަ އަށް ގެންނަން ނިންމި ބަދަލުތަކަކީ:

  • މަޖިލީހުގެ ރައީސް - 90 ހާސް ރުފިޔާ
  • މަޖިލީހުގެ ނައިބު ރައީސް - 88 ހާސް ރުފިޔާ
  • އާންމު މެންބަރުން - 80 ހާސް ރުފިޔާ

ކޮމިޓީ އެލަވަންސާ އެކު، މަޖިލީހުގެ މެންބަރުންގެ މުސާރަ ލައްކައަކަށް ބޮޑުވެގެން ދާނެއެވެ.

މީގެ އިތުރުން ދައުލަތުގެ އިސްވެރިންނާއި ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް ވެސް ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މުސާރަތަކަށް ގެންނަން ނިންމި ބަދަލުތައް / ދަ ޕްރެސް ގްރެފިކްސް

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މެންބަރުންނާއި ދައުލަތުގެ އިސްވެރިންނާއި ކައުންސިލަރުންގެ މުސާރަތައް ބޮޑުކުރުމަށް ނިންމި ނިންމުމާ އެކު، އާންމުންގެ ބޮޑެތި ފާޑުކިއުންތައް މެންބަރުންނަށް އަމާޒުވެގެން ދިޔައެވެ. އަމާޒުވަމުން ދިޔަ ފާޑުކިއުންތަކާ ގުޅިގެން މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި މެންބަރުން ދިފާއުގައި ވިދާޅުވީ:

  • މުސާރަ ބޮޑުކުރީ ސަރުކާރާއި މަޖިލީހުގައި ތަމްސީލުކުރާ އެހެނިހެން ޕާޓީތަކުގެ އެދުމުގެ މަތިން ކަމަށް
  • ވަކި މުއައްސަސާއެއްގެ މުސާރަ ބޮޑުވެ އެހެން މުއައްސަސާއެއްގެ މުސާރަ ކުޑަވެއްޖެ ނަމަ އެއްވެސް ހަމައެއް ނޯންނާނެ ކަމަށް
  • އެ މައްސަލަ ހައްލުކުރުމަށްޓަކައި ބައި ބިލިއަނެއްހާ ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށް

މުސާރަތައް ބޮޑުކުރުމަށް ނިންމި ނިންމުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މުސާރަތައް ބޮޑުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމީ އެއްވެސް މަޝްވަރާ އެއް ނެތި ކަމަށާއި، މުސާރަ ބޮޑުކުރަން ބޭނުންފުޅުވެވަޑައިނުގަންނަވާ ކަމަށެވެ. 'އެކްސް'ގައި ކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ނިންމެވީ މުސާރައަށް ލިބޭ ކުރިއެރުން އިޖުތިމާއީ ފަންޑަކަށް ހަދިޔާކުރުމަށެވެ.

ސަރުކާރުގެ އިސްވެރިންނާއި މަޖިލީހުގެ މެންބަރުންގެ މުސާރަތައް ބޮޑުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް މިރޭ ނެރުނު ބަޔާނުގައި ޓްރާންސްޕޭރަންސީން ބުނީ:

  • އެ ބައެއްގެ މުސާރަ އަމިއްލަ އަށް ކަނޑައެޅުމަކީ މަސްލަހަތު ފުށޫއަރާ ކަމެއް ކަމަށް
  • އެއްވެސް މަޝްވަރާއެއް ނެތި، އަދި ދައުރު ނިމެން ކައިރިވެފައި އޮއްވާ މުސާރަ ބޮޑުކުރުމަކީ މެންބަރުންގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް

ބަޔާނުގައި އެ ޖަމިއްޔާ އިން މަޖިލިސް މެންބަރުންނަށް ތިން ކަމަކަށް ގޮވާލާފައިވެއެވެ. އެ ކަންކަމަކީ:

  • މުސާރަ ކަނޑައެޅުމުގައި ގިންތީގެ ފަރަގު ކުޑަކޮށް ހަމަހަމަކަން ގާއިމްކުރުމަށް މަސައްކަތްކުރުމަށް
  • މެންބަރުންގެ މުސާރަ އަމިއްލަ އަށް ކަނޑަނޭޅޭ ގޮތަށް މަޖިލީހުގެ ގަވައިދު އިސްލާހުކުރުމަށް
  • މާލީ އަދި އެހެނިހެން މަސްލަހަތުތައް ހާމަކުރުމުގެ ބިލު ފާސްކުރުމަށް

މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ މުސާރަ ބޮޑުކުރުމަށް ކޮމިޓީން ނިންމި ނަމަވެސް، އެ ނިންމުން މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ފާސްނުކުރާހާ ހިނދަކު މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ މުސާރަ އަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.