ފަލަސްތީނުގެ ގާޒާ އަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގޮވާލައި އދ. ގެ ސެކިއުރިޓީ ކައުންސިލުން ފާސް ކުރި ގަރާރަކީ ރަނގަޅު މިސްރާބަށް ދިއުމަށްޓަކައި ނެންގެވި މުހިންމު ފިޔަވަޅެއް ކަމަށް ސިފަ ކުރައްވާ ހަމަލާތައް ހުއްޓާ ލުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގޮވާލައި އދ. ގެ ސެކިއުރިޓީ ކައުންސިލުން ގަރާރު ފާސް ކުރީ އިއްޔެ އެވެ. މުސްލިމް ގިނަ ގައުމުތަކެއްގެ ބައިވެރިވުމާ އެކު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އދ. ގެ ސެކިއުރިޓީ ކައުންސިލަށް ހުށަހެޅި އެ ގަރާރު ފާސްކޮށްފައި ވަނީ 13 ގައުމެއްގެ ވޯޓާ އެކުގައެވެ.
މި ގަރާރު ފާސް ކުރަން ވޯޓު ދޭނެ ކަމަށް އެމެރިކާ އިން ކުރިން ބުނެފައިވީ ނަމަވެސް އެމެރިކާ އަދިރަޝިއާއިން ވަކި ގޮތަކަށް ވޯޓު ދީފައެއް ނުވެއެވެ. އަދި ގަރާރު ފާސް ކުރުމާ ދެކޮޅަށްވެސް އެއްވެސް ގައުމަކުން ވޯޓު ދީފައެއް ނުވެއެވެ.
އެ ގަރާރާއި ގުޅިގެން ރައީސް މިއަދު ވިދާޅުވީ، ފަލަސްތީނުގެ މީހުން ގެންދަނީ މެދުކެނޑުމެއް ނެތި އިޒްރޭލުގެ ހަމަލާތަކާ ކުރިމަތިލަމުން ކަމަށާއި އެ ހަމަލާތަކުގެ މެދުތެރެއިން އެހީތެރިކަން ރައްކާތެރިކަމާ އެކު ފޯރުކޮށްދެވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. މީގެ އިތުރުންވެސް ގަރާރުގެ ބޭނުން ހިފާ ބައިނަލްއަގްވާމީ މުޖުތަމައުން މިހާރުން މިހާރަށް ހުރިހާ ހަމަނުޖެހުންތައް ނިމުމަކަށް ގެނެސް، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެ ގަރާރު ފާސްކޮށްފައި ވަނީ 'ހަނގުރާމަ ހުއްޓާލުމަށް' ގޮވާލުމަށް ހިމަނާފައި އޮތް އިބާރާތް 'ހަނގުރާމަ ހުއްޓާލުމަށް މަގުފަހިކޮށްދިނުމަށް' ބަދަލުކޮށް ގާޒާއަށް ވައްދާ އެހީގެ މައްޗަށް އިޒްރޭލަށް ބާރު ފޯރުވޭ ގޮތަށް ބަދަލު ކޮށްފައެވެ. މީގެ ކުރިންވެސް ވަނީ ގާޒާގެ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ގަރާރުތަކެއް ހުށަހަޅާފައެވެ. ނަމަވެސް އެ ގަރާރުތައް އެމެރިކާ އާއި އިނގިރޭސި ވިލާތާއި ރަޝިއާ އިން ވަނީ ވީޓޯ ކޮށްފައެވެ.
އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް އައިއިރު، 20،057 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި ގާތްގަނޑަކަށް 70 އިންސައްތައަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް އދ. އިން ވަނީ ރިޕޯޓްކޮށްފައެވެ. އަދި ހަމަލާތަކުގެ ސަބަބުން 53،320 މީހަކަށް އެކި ވަރުގެ އަނިޔާތައް ވެފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ.