އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އާއި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑާ ދެމެދު މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ.
ހިދުމަތްތައް އިތުރަށް ތަރައްގީކޮށް ޑިޖިޓަލައިޒް ކުރުމަށް، ސޮއިކުރި މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދުއެވެ. އަދި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސައީދާ އުމަރެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ދެއްކެވި ވާހަަކައިގައި ޝަހީމް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އެ ވުޒާރާގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް ތަރައްގީ ކުރުމުން، ވުޒާރާގެ މަސައްކަތްތައް އަވަސްވެ ރައްޔިތުންނަށް ފަސޭހަވެގެން ދާނެކަމަށެވެ. މި ހަފްލާގައި ވާހަކަދައްކަވަމުން ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ސައީދާ ވިދާޅުވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއެކު މިސޮއިކުރި އެމްއޯޔޫގެ މަގްސަދަކީ ރައްޔިތުންނަށް ލިބޭ ހިދްމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމެއް މަގުފަހިކޮށްދިނުން ކަމަށެވެ.
ސަރުކާރުގެ އެކި ވުޒާރާތަކުން ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތްތައް އަވަސްކޮށް، ލުއި ފަސޭހަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ސަރުކާރު ވުޒާރާތަކާއި ކުންފުނިތަކުން ޒަމާނީ ހިދުމަތް ފޯރުކޮށްދިނުމަކީ ރައީސްގެ ތަސައްވަރެކެވެ.