މާލެއާއި ވިލިމާލޭގައި ހުރި މާލޭހިޔާ އަދި ސިނަމާލެ ފްލެޓްތައް އަލުން ބިނާ ކުރުމުގެ މަސައްކަތް އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރޭ ކުރިއަށްދިޔަ "ކަންގަތި އެވޯޑް 2023" ދިނުމުގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މާލޭހިޔާ އަދި ސިނަމާލެ ފްލެޓްތައް އަލުން ބިނާ ކުރުމަށް ނިންމެވީ އެ އިމާރާތްތައް ބާވެ ރޫޅެމުންދާތީ، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކަމަށެވެ. އެ މަސައްކަތް ކުރާނީ އެތާނގައި ދިރިއުޅެމުންދާ ރައްޔިތުންނަށް، މާލީ އެއްވެސް ތަކުލީފެއް ނުޖައްސައި ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުން، ދިވެހި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ތަނަވަސްކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ދައުރު ނިމޭއިރު، އެއްވެސް ދިވެހި ރައްޔިތަކު ގެދޮރިވެރިކަން ނެތުމުގެ ސަބަބުން ހިތާމައާއި ދެރަކަން އުފުލަން ނުޖެހޭނެ ކަމަށެވެ. އަދި ނިކަމެތި ޖިފުޓިތަކެއްގައި ދިވެހި ރައްޔިތުން ބައިތިއްބާފައި ތިބިތިބުމަށް ދާއިމީ ގޮތެއްގައި ނިމުން ގެނެސްދެއްވާނެ ކަމަށެވެ.

މި ހަފުލާގައި ރައީސް ވަނީ ސަރުކާރުން ގެންގުޅުއްވާ ގެދޮރުވެރިކުރުވުމުގެ ސިޔާސަތުތައް ވިދާޅުވެދެއްވާފައެވެ. އެގޮތުން ރަސްމާލެއާއި ގުޅީފަޅަށް އިތުރުކުރެވޭ ބޮޑު ބިމާއި، ގިރާވަރު ފަޅުން އިތުރަށް ހިއްކައި އިތުރުކުރެވޭ ބޮޑު ބިމުގެ އިތުރުން މިހާރު އޮތް ހުޅުމާލެއާއެކު ދިވެހީންގެ ގެދޮރުވެރިކަމުގެ ޒަމާންވީ ހިތްދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެކަމުގައި އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.