އެޓެންޝަން ޑެފިސިޓް/ހައިޕައެކްޓިވިޓީ ޑިސްއޯޑާ ނުވަތަ އޭޑީއެޗްޑީ ހުންނަ ކުދިންނަށް ދޭ މުހިންމު ބޭހެއް ކަމަށްވާ މިތައިލްފެނިޑޭޓް ރާއްޖެ އެތެރެކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީންވެސް މިދިޔަ ބުރާސްފަތި ދުވަހު ވަނީ މި ބޭސް އެތެރެކުރެވޭ ގޮތަށް ހެދުމަށް ތާއީދުކޮށްފައެވެ. ކެބިނެޓްގެ އެ ނިންމުމާ އެއްގޮތަށް އެ ލިސްޓަށް ބަދަލު ގެނައުމުގެ ކުރިން މަޖިލީހުގެ ރުހުން ބޭނުންވާތީ މަޖިލީހަށް މި މައްސަލަ ވަނީ ހުށަހަޅާފައެވެ. މި ބަދަލު ގެނައުމަށް މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެންބަރުންގެ އިއްތިފާގުންނެވެ.
މެތައިލްފެނިޑޭޓް އަކީ އޭޑީއެޗްޑީގެ ފަސްޓްލައިން ޓްރިޓްމެންޓެއްގެ ގޮތުގައި ބޭނުންކުރާ ސައިންޓިފިކަލީ ރަނގަޅު ބޭހެކެވެ. ނަމަވެސް، މީގެ ކުރިން މި ބޭސް އޮތީ މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތީގެ ލިސްޓުގައެވެ.
މި ބޭސް ރާއްޖޭގައި މަނާކޮށްފައި އޮތުމުން އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ފޮނުއްވި ސިޓީއާ ގުޅިގެން މަޖިލީހަށް ރައީސް އޮފީހުން ދިން ޖަވާބުގައި ވަނީ އެ މައްސަލައަށް ހައްލެއް ހޯދުމަށް ކެބިނެޓުން މުހިންމު ނިންމުމެއް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ދީފައިވާ ލަފައާ މެދު މިދިޔަ މަހު ކެބިނެޓްގައި މަޝްވަރާ ކުރުމަށް ފަހު، ރާއްޖޭގައި މަނާކޮށްފައިވާ ބޭސްތަކުގެ ލިސްޓުން މެތައިލްފެނިޑޭޓް އުނިކުރަން ނިންމާފައިވާ ކަމަށް މި ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭގައި އޭޑީއެޗްޑީއަށް ބޭނުންކުރާ ގިނަ ބޭސްތަކަކީ "ކޮންޓްރޯލްޑް ޑްރަގްސް" އެވެ. މިފަދަ ބޭސްތައް އެތެރެކުރުމާއި ވިއްކުމަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ވަކި އުސޫލުތަކެއްގެ ދަށުން ބަލަހައްޓަމުން އަންނައިރު މިފަދަ އެއްވެސް ބޭހެއް ބޭނުންކުރަންވާނީ ސްޕެޝަލިސްޓް ޑޮކްޓަރެއްގެ (ސައިކޭޓްރިސްޓެއް ނުވަތަ ޕީޑިއަޓްރިޝަނެއްގެ) ލަފާގެ މަތިން، ޑޮކްޓަރުގެ ބޭސްސިޓީއަކަށެވެ.
