ރައީސްއާއި ނައިބު ރައީސް އަދި ވަޒީރުންގެ މުސާރަ ބޮޑުކުރީ މަޝްވަރާކުރުމެއް ނެތި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރައީސް އާއި ނައިބުރައީސް އާއި ވަޒީރު ހިމެނޭ ގޮތަށް ސަރުކާރުގެ އިސްމަގާމުތަކުގެ ބޭފުޅުންގެ މުސާރަ ބޮޑުކުރަން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން އިއްޔެ ނިންމުމާ ގުޅިގެން އެކަމާ ނުރުހުން ފާޅުކުރައްވައެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރައީސްއާއި ނައިބު ރައީސް އަދި ވަޒީރުންގެ މުސާރަ ބޮޑު ކުރަން ސަރުކާރުން އެދިފައި ނުވާނެ ކަމަށާއި މުސާރަ ބޮޑުކުރަން ބޭނުންވެވެވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެއްވެސް މަޝްވަރާއެއް ކުރުމެެއް ނެތި ގެނައި ބަދަލުގެ ސަބަބުން ލިބޭ މުސާރައިގެ ކުރި އެރުން ކުޑަކުދިންގެ ހިޔާ ފަދަ އިޖްތިމާއީ ފަންޑަކަށް ހަދިޔާ ކުރުން ނިންމަވާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ ރައީސްއާއި ނައިބު ރައީސް އަދި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމީ ރައީސްގެ އެދިވަޑައިގަތުމަކާ ގުޅިގެންނެއް ނޫން ކަމަށާއި އެއީ ރައީސް ތާއީދުކުރައްވާ ނިންމުމެއްވެސް ނޫން ކަމަށެވެ.

ޝަހީބު ވިދާޅުވީ ސަރުކާރުގެ އެންމެ އިސް މަސްއޫލުވެރީންގެ މަޝްވަރާއެއްވެސް ހޯއްދެވުމަކާ ނުލައި މިފަދަ ހައްސާސް ނިންމުމެއް އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް އޮތް ކޮމެޓީއަކުން މި ދަނޑިވަޅު ނިންމެވީ ސަރުކާރާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށްކަމުގައި ދެކޭ ކަމަށެވެ.

ސަރުކާރުގެ އިސް މަގާމުތަކުގެ މުސާރައަށް ގެނައި ބަދަލު؛

  • ރައީސުލްޖުމްހޫރިއްޔާ އަށް - 120،000 ރުފިޔާ.
  • ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް - 93،000 ރުފިޔާ.
  • މިނިސްޓަރުންނަށް - 72،000 ރުފިޔާ.
  • ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް - 80،000 ރުފިޔާ.
  • އުއްތަމަ ފަނޑިޔާރަށް - 91،000 ރުފިޔާ.
  • އެމްއެމްއޭ ގަވަރުނަރަށް - 74،000 ރުފިޔާ.
  • އޮޑިޓާ ޖެނެރަލަށް - 74،000 ރުފިޔާ.
  • ޕްރޮސެކިއުޓާ ޖެނެރަލަށް - 74،000 ރުފިޔާ.

މި ބަދަލު ގެންނަން މިއަދު މާލިއްޔަތު ކޮމިޓީން ފާސްކުރި އިރު, އަންނަ އަހަރުގެ ބަޖެޓުގައި ރައީސުލްޖުމްހޫރިއްޔާ އާއި ނައިބާއި މިނިސްޓަރުންނާއި މޭޔަރުން އަދި ކައުންސިލަރުން ހިމެނޭހެން ހުރިހާ މަގާމުތަކެއްގެ މުސާރަ ބޮޑުކޮށް ހިމަނާފައި ވެއެވެ.