ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަރެކްޝަނަލް ސާވިސްގައި އެދިވަޑައިގެންފައިވަނީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރެއްވުމުގެ ލުޔަކަށް ކަަމަށް ކުރީގެ މިނިސްޓަރު އަދި ރައީސް ޔާމީން އުފައްދަވާ ޕީއެންއެފްގެ އެއް މުއައްސިސް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން އިތުރު ލުއިތަކެއް ދެއްވުމަށް ކަރެކްޝަނަލް ސާވިސްގައި އެދިވަޑައިގެންފައި ވާއިރު އެކަމާ ގުޅިގެން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަކު އާމިނަތު ޔުސްރީން އަހުމަދު "ދަ ޕްރެސް" ވިދާޅުވީ އެ ލުއިތަކަކީ ގާނޫނާ ފުށުއަރާ ލުއިތަކަކަށް ވުމުން އެ ލުއިތައް ދެވެން ނެތް ކަމަށް އަންގާފައިވާ ކަމަށެވެ.
އެ ލުއިތަކުގެ ތަފްސީލު ކަރެކްޝަންސްއިން ހާމަނުކުރެއްވި ނަމަވެސް މަލީހު "ދަ ޕްރެސް" އަށް ވިދާޅުވީ ރައީސް ޔާމީނަށް ދެއްވާފައި ހުރި ލުއިތަކަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ދެއްވާފައި ހުރި ލުއިތަކެއް ކަމަށާއި މިއީ ރައީސް ޔާމީންގެ، ޕީޕީއެމް ސަރުކާރަކަށްވާއިރު މި ސަރުކާރުން ހަމައެކަނި ދެއްވަން ޖެހޭނީ ލުއި ނޫން ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަންކޮށްދޭން ޖެހޭނެ ކަމަށް މަލީހު ވިދާޅުވިއެވެ.
މަލީހު ވިދާޅުވީ މިނިވަންކޮށްދިނުމަށް ވަގުތު ނަގާކަމަށްވަންޏާ މިހާރުން މިހާރަށްވެސް ސިޔާސީ ހަރަކާތްތަކާއި އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރެވޭ ގޮތަށް އަދި އެމަނިކުފާނުގެ "ދުލުގައި އަޅުވާފައިވާ ތަޅު" ނައްޓާލަދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މަލީހު ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ މިހާރު ހުކުމް އިއްވުމުގެ ޝަރީއަތާ ހިސާބަށް ގޮސްފައިވާ ކަމަށާއި ލަސްނުކޮށް ރައީސް ޔާމީން މިނިވަން ކޮށްދޭންޖެހޭ ކަމަށެވެ. އަދި މަލީހު ވަނީ ކަރެކްޝަންސްއިން ސިޔާސީ ކަންކަމުގައި ބައިވެރިވެވޭ ގޮތަށް ރައީސް ޔާމީނަށް އެ ލުއިދެއްވުމަށް ގޮވާލައްވާފައެވެ.
އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދެވި ރައީސް ޔާމީން މިދިޔަ މަހުގެ 1 ވަނަ ދުވަހު ވަނީ ގޭ ބަންދަށް ބަދަލު ކޮށްފައެވެ. އެއަށް ފަހު އެ މަހުގެ 28 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އެމަނިކުފާނު ވަނީ ރަށު ބަންދަށް ބަދަލު ކޮށްފައެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ލުއިތަކެއް ދެއްވުމަށް އެދިވަޑައިގެންފައި ވަނީ އެމަނިކުފާނު ގޭ ބަންދަށް ބަދަލުކުރެއްވުމަށް ފަހު ޕީއެންސީ އޮފީހާއި އެމަނިކުފާނު އުފައްދަވަން މަސައްކަތް ކުރައްވާ ޕީއެންއެފްގެ އޮފީހަށް ވަޑައިގެން މައްސަލަ ކަރެކްޝަންސްއިން ބަލަން ފަށާފައިވަނިކޮށެވެ. އެ މައްސަލާގައި އެ ސާވިސްއިން ބުނީ އެކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ފިޔަވަޅު އަޅަން ޖެހޭނަމަ އަޅާނެ ކަމަށެވެ.