ގާނޫނާ ފުޅުއަރާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންނެވި ލުއިތައް ނުދޭން ކަރެކްޝަނަލް ސާވިސްއިން ނިންމައިފިއެވެ.

އެކަމާ ގުޅިގެން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަކު އާމިނަތު ޔުސްރީން އަހުމަދު "ދަ ޕްރެސް" ވިދާޅުވީ އިތުރު ލުއިތަކަކަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގަންފައިވާ ކަމަށެވެ. އަދި އެ ލުއިތަކަކީ ގާނޫނާ ފުށުއަރާ ލުއިތަކަކަށް ވުމުން އެ ލުއިތައް ދެވެން ނެތް ކަމަށް އަންގާފައިވާ ކަމަށް ޔުސްރީން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅު އެދިވަޑައިގެންފައި ވަނީ ކޮން ކަހަލަ ލުއިތަކެއްކަން ކަރެކްޝަނަލް ސާވިސްއިން ހާމަކޮށްފައި ނުވި ނަމަވެސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންފައި ވަނީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން އުޅުއްވޭނެ ފަދަ ލުއިތަކެއްކަން "ދަ ޕްރެސް" އަށް ވަނީ އެނގިފައެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދެވި ރައީސް ޔާމީން މިދިޔަ މަހުގެ 1 ވަނަ ދުވަހު ވަނީ ގޭ ބަންދަށް ބަދަލު ކޮށްފައެވެ. އެއަށް ފަހު އެ މަހުގެ 28 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އެމަނިކުފާނު ވަނީ ރަށު ބަންދަށް ބަދަލު ކޮށްފައެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ލުއިތަކެއް ދެއްވުމަށް އެދިވަޑައިގެންފައި ވަނީ އެމަނިކުފާނު ގޭ ބަންދަށް ބަދަލުކުރެއްވުމަށް ފަހު ޕީއެންސީ އޮފީހާއި އެމަނިކުފާނު އުފައްދަވަން މަސައްކަތް ކުރައްވާ ޕީއެންއެފްގެ އޮފީހަށް ވަޑައިގެން މައްސަލަ ކަރެކްޝަންސްއިން ބަލަން ފަށާފައިވަނިކޮށެވެ. އެ މައްސަލާގައި އެ ސާވިސްއިން ބުނީ އެކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ފިޔަވަޅު އަޅަން ޖެހޭނަމަ އަޅާނެ ކަމަށެވެ.