ހުސްވެފައިވާ މާލޭ ސިޓީގެ މޭޔަރުކަމުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ސަންގު ޓީވީން ބާއްވަން ހަމަޖެހިފައިވާ ބަހުސްގައި ބައިވެރިނުވާން އެމްޑީޕީގެ ފަރާތުން މޭޔަރު ކަމަށް ވާދަކުރައްވާ އާދަމް އާޒިމް ނިންމައިފިއެވެ.

އެމްޑީޕީން ބުނީ، އާޒިމް ބަހުސްގައި ބައިވެރިވެވަޑައި ނުގަންނަވަނީ މި ބަހުސް މިނިވަން ކަމާއެކު ކުރިއަށް ގެންދިއުމަށް މިނިވަން މޮޑާރޭޓަރެއް ބަހައްޓައިދިނުމަށް އެދިފައިވުމާއެކުވެސް އެކަމަށް އެއްވެސް އިޖާބައެއް ލިބިފައި ނުވާތީ އާއި އިންތިހާބު އޮންނަ ދުވަސް މިހާ ކުޑަތަންވެފައި ވަނިކޮށް ހަތަރު ދުވަހަށް ދިގުދެމިގެންދާ ބަހުސެއްގައި މޭޔަރު ކެނޑިޑޭޓް ތާށިވުމަކީ ކެންޕޭނުންގައި ދެންކުރަން ހުންނަ ކަންތައްތަކަށް އަސަރުކުރާކަނެ ކަމަކަށްވާތީ ކަމަށެވެ.

ސަންގް ޓީވީ ބަހުސްގައި ބައިވެރިވެވަޑައިނުގަތް ނަމަވެސް އަންނަ މަހު 6 ވަނަ ދުވަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެސްއެމްގެ ބަހުސްގައި އާޒިމް ބައިވެރިވެ ވަޑައިގެންނަވާނެކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

އަންނަ މަހުގެ 13 ވަނަ ދުވަހު ބާއްވާ އެ އިންތިހާބުގައި އެމްޓީޕީގެ ޓިކެޓުގައި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވާދަކުރައްވާއިރު ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝުކުރޫ ވާދަކުރައްވަނީ ޕީއެންސީގެ ޓިކެޓުގައެވެ.

މީގެ އިތުރުން އަމިއްލަ ގޮތުން އެ މަގާމަށް މީގެ ކުރިން އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވި ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) އާއި އަމިއްލަ ގޮތުން ކުރީގެ ސީޕީ ހުސައިން ވަހީދު އަދި މިހާރުވެސް މާލެ ސިޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ސައިފް ފާތިހު ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރައްވަން ވަނީ ނިންމަވާފައެވެ.

މާލެ ސިޓީގެ މޭޔަރު ކަމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބުވުމާ ގުޅިގެން އެ މަނިކުފާނު ވަނީ މި ދިޔަ މަހުގެ 17 ވަނަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. މާލޭ ސިޓީގެ ކައުންސިލްގެ މޭޔަރުގެ ގޮނޑީގެ އިތުރުން ގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ނާސިރާއި، މެދުހެންވޭރު ދާއިރާގެ މެންބަރު އާދަމް ރަމީޒާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމްގެ ގޮނޑިވެސް ވަނީ ހުސްވެފައެވެ.