ހަމައެކަނި އެމްޑީޕީ މެންބަރުންގެ ވޯޓުން ރައީސްއާއި ނައިބު ރައީސް އަޒުލުކުރެވޭގޮތް ހަދަން މަޖިލީހުގެ ގަވައިދަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުގެ މިހާރުގެ ޖުމްލަ އަދަދަކީ 80 މެންބަރު ކަމަށް ކަނޑައެޅުމަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ.

އެ އިސްލާހަށް މިއަދު މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާފައިވާއިރު އެ އިސްލާހަށް ފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 42 މެންބަރުންނެވެ. އަދި ނުފެންނަ ކަމަށް 21 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ. މި އިސްލާހު ފާސްވުމުން އެހެން ޕާޓީއެއްގެ އެހީތެރިކަަމަކާ ނުލައި އެމްޑީޕީގެ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލުކުރެވޭނެއެވެ.

އެއާއެކު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މިގޮތަށް ފާސްވުމާއެކު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ބޭނުމަށްޓަކައި މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި ބަލާނީ އެވަގުތު މަޖިލީހުގެ މެންބަރުން ކަމުގައި ދެމިތިބި ޖުމްލަ އަދަދު ކަމަށެވެ. އެހެންކަމުން މިވަގުތު މަޖިލީހުގެ އަދަދަކީ 80 މެންބަރުން ކަމުގައި އަސްލަމް ވަނީ އިއުލާން ކުރައްވާފައެވެ.

މަޖިލީހަށް 87 މެންބަރުން އިންތިހާބު ކުރި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މަގާމުތަކަށް އައްޔަންކުރައްވާތީ ހަތް މެންބަރަކު ވަނީ މެންބަރު ކަމުން އިސްތިއުފާ ދެއްވާފައެވެ. އެހެންނަމަވެސް މި އިސްލާހުގެ ކުރިން އެ ގޮނޑިތައްވެސް ގުނައެވެ.