މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރުކަމަށް ފާތިމަތު ތައުފީގު (ކުޑީ) ހަމަޖައްސައިފިއެވެ.

އެންމެ ފުރަތަމަ ފާތިމަތު ތައުފީގު ހަމަޖައްސުމަށް ނިންމީ، އެސްއެމްއީ ބޭންކް، އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ނަމަވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ފަހުން، އެމްއެމްޕީއާރުސީގެ އެމްޑީގެ މަގާމަށް އޭނާ ހަމަޖެއްސުމަށް ނިންމާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގައި އެދިފައެވެ. އަދި ޕީސީބީއިން އޭނާ އެމްއެމްޕީއާރުސީގެ އެމްޑީއަކަށް ހަމަޖައްސުމަށްފަހު، އެކަން އަންގާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި އެމްއެމްޕީއާރުސީންވެސް އެކަން އިއުލާންކޮށްފައިވާއިރު މިއަދު އޭނާ ވަނީ އޮފީހަށް ވެސް ނިކުންނަވަން ފައްޓަވައިފައެވެ.

ޕީޕީއެމް އައްޑޫ ސިޓީ މީދޫ ދާއިރާގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގު ވަނީ ވިލާ ކޮލެޖުން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާޒް ހާސިލްކުރައްވާފައެވެ. މީގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުގައިވެސް މަސައްކަތްކުރައްވާފައިވާ ފާތިމަތު ތައުފީގު ވަނީ ވެމްކޯގެ އެޑްމިން އެންޑް ޕްރޮކިއުމަންޓް މެނޭޖަރުކަންވެސް ކުރައްވާފައެވެ.

މީގެ އިތުރުން ފާތިމަތު ތައުފީގު އަދާކޮށްފައިވާ މަގާމުތަކުގެ ތެރޭގައި ޖަލްބޫޓް މޯލްޑިވްސްގައި އެޗްއާރު އެންޑް އެޑްމިން މެނޭޖަރުކަމުގެ އިތުރުން އެލިއާ އާއި އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީގައި ވެސް މަސައްކަތްކުރައްވާފައެވެ.

އެމްއެމްޕީއާރްސީގެ އެމްޑީގެ މަގާމުގައި ކުރިން ހުންނެވީ ޓީވީއެއްގައި މަސައްކަތް ކުރެއްވި ތޮއްޔިބު މުހައްމަދުއެވެ.