ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް 2018 ވަނަ އަހަރު އައްޔަންކުރެއްވި ބޭފުޅުންނަށް ރައްޔިތުން މަޖިލީހުން ރުހުންދީފައިވަނީ މެންޑޭޓު ފޮނުވުމުގެ ކުރިން ކަމަށް ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ.
އާ ސަރުކާރުގެ މިނިސްޓަރުންނަށް ރުހުންދިނުމާ ގުޅޭގޮތުން ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމިޓީއިން ނިންމި ގޮތުގެ ރިޕޯޓު މިއަދުގެ މަޖިލީހުގެ ޖަލްސާގެ ދެވަނަ ނަންބަރުގެ ގޮތުގައި އެޖެންޑާކުރި ނަމަވެސް މަޖިލިސް ފެށުމާއެކު ތުޅާދޫ ދާއިރާގެ ހިސާން ހުސައިން ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާ މިނިސްޓްރީތަކުގެ މެންޑޭޓު ފޮނުވާފައި ނުވާތީ އެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ހިލާފު ކަމަށް ވިދާޅުވެފައެވެ.
އެއަށްފަހު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާ މަޝްވަރާކުރެއްވުމަށްފަހު އެ ރިޕޯޓު އަލުން ކޮމިޓީއަށް ފޮނުވާލަން ނިންމާ މިއަދުގެ ޖަލްސާގައި މިނިސްޓަރުންނަށް ރުހުން ދިނުމާ ގުޅޭ މައްސަލަ ކުރިއަށް ނުގެންދަން ނިންމަވާފައެވެ.
އެކަމާ ގުޅިގެން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ނެތް ކަމެއްގައި ބަލަނީ އަމަލުކޮށްފައިވާ ގޮތަށް ކަމަށެވެ. އެގޮތަށް ބަލާއިރު މިއަދު މަޖިލީހުގެ ރައީސް އަމަލުކުރައްވާފައިވަނީ މަޖިލީހުގެ ގަވާއިދު ދަންނަ ގޮތަކަށް ނޫން ކަމަށާއި އަމިއްލައަށް އުފައްދައިގެން އުޅޭ ގޮތަކަށް ކަމަށް އާމިރު ވިދާޅުވިއެވެ. އަދި އެއީ މަޖިލީހުގައި ކަންތައް ކުރެވިދާނެ ގޮތެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އާމިރު ވިދާޅުވިއެވެ.
އާމިރު ވިދާޅުވީ 2018 ވަނަ އަހަރު އެކުލަވާލެވުނު ސަރުކާރުންވެސް ރައްޔިތުން މަޖިލީހަށް ރުހުން ހޯދަން ފޮނުވީ ޑިސެންބަރު 4 ގައި ކަމަށާއި މެންޑޭޓު ފާސްކުރުމަށް މެންޑޭޓާ ގުޅޭ ގޮތުން ފޮނުވާފައިވަނީ ޑިސެންބަރު 15 ގައި ކަމަށެވެ. އަދި މީގެ ކުރިން އެގޮތަށް އަމަލުކޮށްފައިވާއިރު މެންބަރެއްގެ ނިޒާމީ މައްސަލައަކާ ގުޅިގެން ގޮތެއް ނިންމެވުމަކީ ގާނޫނު އަސާސީ ގެ ރޫހާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް ނިންމި ނިންމުމެއް ކަމަށް އާމިރު ވިދާޅުވިއެވެ.
ބަންޑާރަ ނައިބު ހިމެނޭ ގޮތަށް 20 މިނިސްޓަރަކަށް ރުހުން ހޯދަން ރައްޔިތުން މަޖިލީހަށް މިދިޔަ ސަރުކާރުން ފޮނުވީ ނޮވެންބަރު 25، 2018 ގައެވެ. އެކަން ދިރާސާކުރުމަށްފަހު މިނިސްޓަރުންނަށް ރުހުންދޭން ކޮމިޓީއިން ނިންމާ ޑިސެންބަރު 4 ވަނަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި އެ މައްސލަ އެޖެންޑާކޮށް އިދިކޮޅުގައި އޭރު ތިބި މެންބަރުންގެ ވޯޓާއެކު މިނިސްޓަރުންނަށް ވަނީ ރުހުންދީފައެވެ. އޭރު މެންޑޭޓު ކޮމިޓީއިން ފާސްކޮށްފައެއް ނުވެއެވެ.
މެންޑޭޓު ގުޅޭގޮތުން ކޮމީޓީއިން ފާސްކޮށްފައިވަނީ ޑިސެންބަރު 15 ވަނަ ދުވަހެވެ.
އޭރު އިދިކޮޅުގައި ތިބި މެންބަރުންގެ ވޯޓާއެކު އޭރުގެ ކެބިނެޓަށް ރުހުންދީފައިވަނީ މެންޑޭޓު ކޮމިޓީއިން ފާސް ނުކުރަނިސްކަމަށްވާއިރު އޭރު އެގޮތަށް އަމަލުކުރުމަށްފަހު މިއަދު ވަކި ގޮތަކަށް އަމަލު ކުރެވުމަކީ އާމިރު ވިދާޅުވާ ފަދައިން ގާނޫނު އަސާސީގެ ރޫހާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް ނިންމި ނިންމެއް ކަމަށް ބެލެވެއެވެ.