ނަމާދުގެ ޖަމާއަތް ބައިބޯވެއްޖެނަމަ ގައުމު ވަރުގަދަވެ، ބާއްޖަވެރިވެގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ހުރަވީ ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ ގާނޫނު ނަގަހައްޓާ، އިސްލާމްދީނަށް ނަސްރުދޭން ކަމަށެވެ. އަދި އިސްލާމްދީނުގެ މާތް ސިފަތަކަށް ހުރިހާ ދިވެހީން އަހުލުވެރިވުމަށް ކަމަށެވެ.

އިސްލާމްދީނުގެ މުހިންމު އެއް ތަނބަކީ ފަރުޟު ފަސް ނަމާދުކަން ފާހަގަ ކުރައްވާ ރައީސް ވަނީ ފަރުޟު ފަސްނަމާދު އޭގެ ވަގުތުގައި ގާއިމުކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. އަދި ހާއްސަކޮށް ފަތިސްނަމާދުގެ ޖަމާއަތުގައި ކުރުމަށް އިލްތިމާސް ކުރެއްވިއެވެ.

ފަތިސް ނަމާދުގެ ބަރަކާތުން ދުވަސް ފެށުމުގެ އުފާ ލިބިގަންނަ އާއިލާއަކަށް ދިވެހި ކޮންމެ އާއިލާއެއް ވުމަކީ އެމަނިކުފާނުގެ ދުއާއެއް ކަމަށާއި ނަމާދުގެ ޖަމާއަތް އޭގެ ފުރިހަމަ މާނައިގައި ބައިބޯ ވެއްޖެ ނަމަ ދިވެހިރާއްޖެ ވަރުގަދަވެ، އުފާވެރި ބާއްޖަވެރި ގައުމަކަށްވެގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވީ އިސްލާމީ މަފުހޫމަކުން ބަލާ ނަމަ ވެރިކަމެއްގެ އެންމެ މަތިވެރި މަސްއޫލިއްޔަތަކީ ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުން ކަމަށެވެ. ވެރިޔާގެ ޒިންމާއަކީ ރައްޔިތުންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށާއި އެ ގޮތުގައި ދެމި ހުންނަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހި މުޖުތަމައު ފަސާދަކުރާ ހުރިހައި އިޖުތިމާއީ ބަލިމަޑުކަމެއްގެ ޖަރާސީމު ނައްތާލަން ގަދަ އަޅައި މަސައްކަތްކުރައްވާނެ ކަމަށާއި ރައްޔިތުންގެ ސަލާމަތާއި ދެދުނިޔޭގެ ބާއްޖަވެރިކަމަށް ޓަކައި އަދާކުރަން ޖެހޭ ކޮންމެ ޒިންމާއެއް އަދާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.