ގާނޫނީ ސަރުކާރަށް ލޮޅުން އަރުވާލުމަކީ މުޅި ގައުމަށް ޣައްދާރުވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ހުރަވީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ ގާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލަން އަދި ވަކިން ހާއްސަގޮތެއްގައި އެމީހެއްގެ އާރާއި ބާރު ދައްކާލުމުގެ ބޭނުމުގައި ރައްޔިތުންނާއި ރާއްޖެއަށް ކޮންމެ ގޮތެއްވިޔަސް ވަރިހަމަ ކަމަށް ނިންމުމަކީ ދިވެހި ދައުލަތަށާއި ދިވެހި ލޮބުވެތި އާއިލާތަކަށް ޣައްދާރުވުން ކަމަށެވެ.

ގައުމަށް ދެރަ ލިބޭނެހެން ކަންކަން ރާވާ ހިންގާ ގައުމަށް ޣައްދާރުވާ މީހުންނަކީ ފިނޑި ނިކަމެތި ބައެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި ސަރުކާރުން ބޭނުންވަނީ ގާނޫނު ނަގަހައްޓުމަށާއި އިސްލާމް ދީނަށް ނަސްރުދީ، އިސްލާމް ދީނުގެ ރިވެތި ސިފަތަކަށް ހުރިހާ ދިވެހީން އަހުލުވެރި ކުރުވަން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިފަދައިން ވިދާޅުވެފައި ވާއިރު، މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެކަނި ރައީސް އާއި ނައިބު ރައީސް އަޒުލް ކުރެވޭ ގޮތް ހެދުމަށް މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގެ އާންމު ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރުން ކުރިޔަށް ގެންދާނެ ގޮތް ބަޔާންކޮށްފައި ވަނީ މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުން އެކުލަވައިލި ގަވާއިދުގެ 41 ވަނަ ބާބުގައެވެ. އެ ބާބުގެ މާއްދާތަކަށް ބަދަލު ގެންނަން ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި ހުށަހެޅުން ކޮމިޓީން ފާސްކުރި ނަމަވެސް މަޖިލީހުގެ ތަޅުމަށް އަދި ހުށަހަޅާފައެއް ނުވެއެވެ.

ރައީސް އާއި ނާއިބު ރައީސް އަޒުލް ކުރަން ގަރާރެއް ހުށަހެޅޭނީ ސަބަބާއެކު މަޖިލީހުގެ ތިން ބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކުއެވެ. އެއަށްފަހު ލިޔުމަކުން މަޖިލީހަށް ހުށަހަޅާ ގަރާރުގެ ނޯޓިސް ދެ ދުވަހުގެ ތެރޭގައި ރައީސް އާއި ނައިބު ރައީސްއަށް ދޭން ޖެހޭ ގޮތަށް އެ ގަވާއިދުތަކަށް އިސްލާހު ގެނައުމަށް ކޮމެޓީން ފާސްކުރިއެވެ.

އެ ނޯޓިސް ދޭތާ 14 ދުވަހުގެ މުއްދަތަކަށް ފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހަޅަން ޖެހޭއިރު އެ ޖަލްސާގައި އިތުރު އެއްވެސް މަސައްކަތެއް ކުރުމަށް އެޖެންޑާ ކޮށްގެން ނުވާނެ ކަމަށް ވެސް ކޮމިޓީން ފާސްކޮށްފައި ވެއެވެ.