ގައުމިއްޔަތު އިޔާދަ ކުރުމުގެ މަޝްރޫއުގެ ދަށުން ގައުމީ ތަރިކައިގެ ކޮލެޖެއް އެޅުއްވުމުގެ އިތުރުން، ގައުމިއްޔަތުގެ ނަމުގައި ސްކޫލް ކުދިންގެ މަންހަޖަށް އާ މާއްދާއެއް އިތުރު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުރަވީ ދުވަހާ ގުޅިގެން ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދިވެހިންގެ ކިބައިގައި އިހު އޮތް ނަޒާހާތްތެރިކަމާއި އަމާނާތްތެރިކަމާއި މުރާލިކަން ފަދަ ހުރިހާ މާތް ސިފަތަކެއް އަށަގެންނެވުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

އަދި ދިވެހި ފަސްގަނޑު ދެކެ ލޯބިވާ ޖީލެއް ބިނާ ކުރުމަކީ މުހިންމު ކަމެއްކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ ގައުމިއްޔަތު އިޔާދަ ކުރުމުގެ މަޝްރޫއު ކާމިޔާބު ކަމާއެކު ކުރިއަށް ގެންދަވާނެ ކަމަށެވެ. "އެކަމަށްޓަކައި ސަރުކާރުގެ ހަފްތާ 14 ގެ ތެރޭގައި ގައުމީ ތަރިކަ ދިރާސާ ކުރާ މަރުކަޒަކާއި ގައުމީ ތަރިކައިގެ ކޮލެޖެއް ހުޅުވޭނެ" މުއިއްޒު ވިދާޅުވިއެވެ.

ހަމައެހެންމެ މަދަރުސާ ކުދިންގެ މަންހަޖުގެ ތެރެއަށް 'ގައުމިއްޔަތު'ގެ ނަމުގައި އާ މާއްދާއެއް އިތުރު ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެކަމުގެ އެންމެ ބޮޑު އެއް މަގްސަދަކީ ކުރިއަށް އޮތް ޖީލުތަކަށް ދެވޭ ތައުލީމަކީ ދިވެހިރާއްޖެއަށްޓަކާ ދެވޭ ތައުލީމަކަށް ހެދުމުގެ އިތުރުން ދިވެހި ފަސްގަނޑާއި ދިވެހި ވަތަން ދެކެ ލޯބިވާ ޖީލެއް ބިނާ ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހި ގައުމަކީ އެކަކު އަނެކެއްގެ މައްޗަށް ކުލުނާއި ލޯބި ހުންނަ އަދި ދުވަސްވީ މީހުންނަށް ކަމޭހިތާ ތިމާ އަށް ވުރެ އިސް މީހުންނަށް ގަދަރު ކުރާ ބަޔަކު އުޅޭ ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ތަރައްގީ އާއި ތަހުޒީބަކީ އެއީކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ އެކަންކަން ކުރެވޭނީ ގައުމިއްޔަތު އިޔާދަ ކުރެވިގެން ކަމަށެވެ.