މިހާރުވެސް ބަރަހަނާ ބައެއް ވެބްސައިޓްތައް ބްލޮކް ކުރެވިއްޖެ ކަމަށާއި ކުރިއަށް އޮތް ހަފްތާގައި ރާއްޖޭގައި ބޭނުން ކުރަމުންދާ ހުރިހާ ބަރަހަނާ ވެބްސައިޓް ތަކެއް ބްލޮކް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވެފައި ވަނީ ހުރަވީ ދުވަހާ ގުޅިގެން މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީ ލަދު ހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓް ތަކަކީ ރާއްޖޭގައި ޒަމާނުއްސުރެ މިނެއް ނެތި ހުޅުވާލެވިފައިވާ މައިދާނެއް ކަމަށެވެ.
ރާއްޖޭގެ ގާނޫނުވެސް މިކަން މަނާ ކުރާން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ، މި ނާތަހުޒީބު ދޮރުތައް ބަންދު ކުރުމަށް ދިވެހިންގެ ގާނޫނާއި އިސްލާމް ދީންވެސް ވެރިޔާގެ މައްޗަށް ލާޒިމް ކުރާ ކަމަށެވެ. ހަމައެހެންމެ ޒަމާނީ ދިރާސާތަކުން ކަށަވަރުވާ ގޮތުގައި މިފަދަ މައިދާންތަކަށް ދެވި ހިފުމަކީ އިންސާނާގެ ސިކުނޑީގެ ނިޒާމު ހަލާކު ކޮށްލާ ކަމެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މިފަދަ ފާހިޝް އަމަލުތަކަށް މީހާ ހޭނުމަކީ "ލޮޑު ކޮށްލާ ކަމެއް. އޭނާގެ އުފެއްދުންތެރިކަން މަރާލާ ކަމެއް. ނަފްސާނީ ބަލިމަޑު ކަމެއްގެ ތެރެއަށް މީހާ ގަރަގު ކޮށްލާ ކަމެއް" ރައީސް މުއިއްޒު ވިދާޅުވިއެވެ.
މިފަދަ ހުތުރު އަމަލުތައް އިސްލާމް ދީނުން ވަނީ ކުރިންވެސް ނަހީ ކުރައްވާފައިވާ ކަމަށާއި އެއީ ގައުމާ މުޅި އިންސާނިއްޔަތުގެ ސަލާމަތައްޓަކާ ﷲ ނަހީ ކުރައްވާފައިވާ ކަމެއް ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އެހެން ކަމުން ރާއްޖޭގައި އިންޓަނެޓް މެދުވެރިކޮށް ލަދު ހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓް ތަކަށް ވަދެވެން ހުރި ހުރިހާ ދޮރެއް ބަންދު ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. އެމަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެފަދަ ހުރިހާ ވެބްސައިޓް ތަކެއްގައި ތަންޑު އަޅުވާ ބަންދު ކުރައްވާނެ ކަމަށެވެ.
ރާއްޖޭގައި އެންމެ ގިނަ ބަޔަކު އޮންލައިން ކޮށް ވަންނަކަމަށް ރެކޯޑް ތަކުން ދައްކާ ސައިޓުތަކަކީ ބަރަހަނާ ސައިޓްތަކެވެ. ގިނަބަޔަކު ވަދެ ބަލާ ހެދުމުން އިންޓަނެޓްުގެ ހިދުމަތް ދޭ ކުންފުނިތަކަށް ބޮޑު އާމްދަނީއެއް ލިބެމުން ދިޔަ، ބަރަހަނާ ސައިޓްތައް ބްލޮކް ކުރީ ރޭގެ ވަގުތެއްގައެވެ. އަދި އެފަދަ ސައިޓްތައް ބްލޮކް ކުރި ފުރަތަމަ ފަހަރު ކަން ފާހަގަކޮށްލެވެއެވެ.
ބަރަހަނާ ސައިޓްތަކުގެ މައްސަލައިގައި ނިމިދިޔަ ރިޔާސީ ކެމްޕެއިންގެ ތެރޭގައި 'ދަ ޕްރެސް' އިން ރައީސް ޑރ. މުހައްމަދު މުއިއްޒާ ކުރި ސުވާލެއްގެ ޖަވާބުގައި، ދިވެހިންގެ އިޖުތިމާއީ ފޭރާން ހެޔޮ ކުރުމަށާއި އުމުރާ ނުގުޅޭ މަންޒަރުތައް ފެންނަ ޗެނަލްތަކާއި ބަރަހަނާ ސައިޓްތައް ބްލޮކް ކުރުމަކީ ހައްލު ކަމުގައި ވިދާޅުވެފައި ވެއެވެ.