ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ 93 ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
ޖޭޕީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަ ކުރަން ޝައުގުވެރިވާ، ގާބިލްކަން ހުރި އަދި ޝަރުތު ހަމަވާ ފަރާތްތަކަށް މިދިޔަ އަންގާރަ ދުވަހުން ފެށިގެން އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެކަމަށް އެދޭ ފަރާތް ތަކުން ފޯމް ހުށަހެޅުމަށް ހުޅުވާލާފައި ވަނީ ޑިސެމްބަރު 26 ވަނަ ދުވަހުގެ 14:00ގެ ނިޔަަލަށެވެ. ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި:
- ވަނަވަރު (ސީވީ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިމެނެއެވެ.
ކެންޑިޑެންސީ ކަށަވަރު ވާނީ އިންތިހާބުގައި ވާދަ ކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ މައުލޫމާތުގެ ސައްހަ ކަމާއި ގާބިލް ކަން ބެލުމަށްފަހު ކައުންސިލުން ނުވަތަ އެކަަމަށްޓަކާ ކައުންސިލުން ކަނޑައަޅާ ކޮމިޓީއަކުން ބެލުމަށްފަހު ކަމަށް ޖޭޕީން ވަނީ ބުނެފައެވެ. މި އިންތިހާބުގައި ކުރިމަތި ލުމަށް ވަކި ޝަރުތު ތަކެއް ކަނޑައަޅާފައި ނުވެއެވެ.
ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޖޭޕީ ވަކިން ވާދަ ކުރުމަށް ނިންމާފައިވާއިރު ދާދި ފަހުން ވަނީ ކުރިއަށް އޮތް އިންތިހާބުތަކުގައި މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީ އަދި ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީ އާ ވެސް މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.
އެމްޑީޕީއާ އެކު ކުރެވުނު މަޝްވަރާތަކުގެ މާބޮޑު ތަފްސީލެއް ދެ ޕާޓީން ވެސް ހާމަކޮށްފައި ނުވާއިރު ޕީއެންސީން ބުނެފައި ވަނީ މަޝްވަރާ ބައްދަލުވުމުގައި ނިމުނު ގޮތަށް ޖޭޕީއާއެކު އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ވަނީ ޖޭޕީގެ ފަރާތުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަ ކުރައްވާފައެވެ. އިންތިހާބުގެ ފުރަތަމަ ބުރުން ގާސިމް ނާކާމިޔާބު ވަޑައިގެންނެވިއިރު އެމަނިކުފާނަށް ލިބިވަޑައިގަތީ 5460 ވޯޓެވެ. އެހެން އަހަރުތަކާ ހިލާފަށް މި އަަހަރު އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކާއެކު ކޯލިޝަނެއް ހަދާފައި ނުވެއެވެ.