ރަޝިއާއިން ޔޫކްރައިން އާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގެ އަމާޒު ކަސިޔާރުވެގެން ނުދާ ކަމަށާއި އެކަން ހާސިލު ނުވަނީސް ހަނގުރާމަ ނުހުއްޓާނެ ކަމަށް އެގައުމުގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވެއްޖެއެވެ.

އަހަރު ނިމުމާ ދިމާކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕުޓިން ވިދާޅުވީ, ޔޫކްރައިން އާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަން ފެށީ ވަކި މަގުސަދެއް ހާސިލު ކުރުމަށް ކަމަށާއި އެކަން ހާސިލު ނުވަނީސް ސުލްހައެއް ވެސް ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ, ޔޫކްރައިން އޮންނަން ޖެހޭނީ ވަކިއަތަކަށް ނުޖެހި ނުފޫޒުން އެއްކިބާވެގެން ކަމަށާއި, ޔޫކްރައިންގެ މައްޗަށް ފޯރާފައިވާ ނާޒީންގެ ނުފޫޒާއި ހުޅަނގުގެ އަސްކަރީ ނުފޫޒު ނެތިގެން ދާން ޖެހޭނެ ކަމަށެވެ. އޭނާ އެ އިޝާރާތް ކުރައްވާ ނުފޫޒުތަކަކީ, ހުޅަނގާއި ޖަރުމަނު ފަދަ ބާރުތައް ބައިވެރިވެގެން އުފައްދާފައި އޮންނަ ނޭޓޯގެ އަސްކަރީ ނުފޫޒުން ޔޫކްރައިން މިނިވަން ކުރުމަށެވެ.

މިއީ ފެބްރުއަރީ 2022 ގައި ހަނގުރާމަ ފެށިއިރުވެސް ޕުޓިން ދެއްކެވި ވާހަކައެކެވެ. މިތުހުމަތުތައް ހުޅަނގާއި އެމެރިކާއިން ދޮގު ކުރެއެވެ. ނަމަވެސް މިހާރުވެސް ރަޝިއާ އާ ދެކޮޅަށް ޔޫކްރައިން ލައްވާ ތަޅުވާ ބަޔަކީ ނޭޓޯގެ ގައުމުތަކާއި އެމެރިކާއެވެ. ހަތިޔާރާއި މަދަދު ދެނީ އެފަރާތްތަކުންނެވެ. އަދި މިހާރުވެސް ޔޫކްރައިން ނޭޓޯއަށް ވެއްދުމުގެ މަޝްވަރާތައް ކުރިއަށް ދާއިރު އަދުނޫން މާދަމާ މެންބަރުކަން ލިބުމާ ހިސާބަށް ކަންކަން ވަނީ ގެންގޮސްފައެވެ.

"ހިމޭނުން, މަޑުން ތިބެން ޔޫކްރައިން ބޭނުމެއް ނުވޭ, އަސްކަރީ ބާރުވެރިކަން ނެތި, އެހެންވީމާ ރަޝިއާއަށް މަޖުބޫރުވޭ އަސްކަރީ ގޮތުން ވިޔަސް ފިޔަވަޅު އަޅަން" ޕުޓިން ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ، "އޮތީ ދެގޮތް, އެއްބަސް ވުން ނުވަތަ, ބާރުގެ ބޭނުންކޮށްގެން މައްސަލަ ހައްލުކުރުން" އެވެ.

މި ޕްރެސްގައި ޕުޓިން ވަނީ އާ އަދަދުތަކެއްވެސް އިއުލާން ކުރައްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ, މިވަގުތުވެސް ޔޫކްރައިން ސަރަހައްދުގައި ރަޝިއާގެ 617,000 ސިފައިން އެބަތިބި ކަމަށާއި އެއީ ރަޝިއާގެ އަސްކަރިއްޔާއިން ގޮވާލި ކޮންމެ ވަގުތެއްގައި ކުރީ ސަފާ ގުޅެން ތިބި 244,000 ރިޒާވް ސިފައިންވެސް ހިމެނޭ ގޮތުން ކަމަށެވެ.

ނަމަވެސް މިވަގުތު ރިޒާވް ސިފައިން އިތުރަށް ބޭނުން ނުވާ ކަމަށާއި ރަޝިއާގެ ފައުޖަޖާ ބައިވެރިވެ ހަނގުރާމައަށް ދާން އެދި 486,000 އަށް ވުރެ ގިނަ މީހުން މިހާރުވެސް ރަޖިސްޓާ ކޮށްފައި ތިބި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިދިޔަ އަހަރުވެސް 300,000 މީހަކު ވޮލަންޓިއާ ކުރި ކަމަށާއި އެލިސްޓު ނިމެން ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

އަހަރު ނިންމާލާ ޕުޓިންގެ މި ޕްރެސްކޮންފަރެންސް އަކީ އަންނަ އަހަރުގެ މާޗް މަހު އޮންނަ އާންމު އިންތިހާބަށް އޭނާ ތައްޔާރުވެ ވަޑައިގަންނަވަމުން ގެންދަވާ ވަގުތެއްގައި ބޭއްވި ޕްރެސް އެކެވެ. ބޮޑުވަޒީރު ކަމާއެކު މިހާރުވެސް ޖުމްލަ 24 އަހަރު ރަޝިއާގެ ވެރިކަން ޕުޓިން ކުރައްވާފައި ވާ އިރު އަންނަ ދައުރާ އެކު އޭނާގެ ވެރިކަން ދެން ނިމޭނީ 2030 ގައެވެ. ދާދި ފަހުން ގާނޫނުތަކަށް ގެނައި ބަދަލާއެކު 4 އަހަރުގެ 2 ދައުރުގެ ބަދަލުގައި 6 އަހަރުގެ 2 ދައުރު ދެން އަދާކުރެވޭނެއެވެ. ރަޝިއާގެ ސިޔާސީ މަޝްރަހު ތަރުތީބުވެފައި އޮތް ގޮތުން, ޕުޓިންއާ އިދިކޮޅު ހުރިހާ ލީޑަރުން ތިބީ ކަސްތަޅެއްގައެވެ. އިދިކޮޅު ކެންޑިޑޭޓު ހުރީ 19 އަހަރުގެ ޖަލު ހުކުމެއްގައެވެ. އެހެން ކަމުން އަންނަ އިންތިހާބަކީ މާބޮޑު އުނދަގުލެއް ނެތި ޕުޓިން އަށް ޔަގީން އިންތިހާބަކަށް ވާނެއެވެ.