ހުރަވީ ދުވަހާ ގުޅިގެން ގައުމީ ދާރުލްއާސާރުގައި ބާއްވާ މައުރަޒުގައި ދޮންބަންޑާރައިގެ ހަންދާނާ ގުޅިފައިވާ ތަކެތި ދައްކާލުން ކުރިއަށް ދާނެ ކަމަށް ހެރިޖޭޓް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު މުހައްމަދު އަހުސަން ވިދާޅުވެއްޖެއެވެ.
ހުރަވީ ދުވަހުގެ މުނާސަބަތުގައި މިއަދުން ފެށިގެން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ މިނިސްޓްރީއިން އިސްނަގައިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އަހުސަން ވިދާޅުވީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މައުރަޒަކީ "ދޮންބަންޑާރައިގެ ހަނދާނީ މައުރަޒު" ކަމަށާއި އެ މައުރަޒު ބަލާލުމަށް ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންނަށްވެސް ވަދެވޭނެ ކަމަށެވެ. އަދި އެ މައުރަޒު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެ ދުވަސްތަކުގެ ހެނދުނު 8 އިން އިރުއޮއްސި 6 ގެ ނިޔަލަށް ކަމަށް އަހުސަން ވިދާޅުވިއެވެ.
އެ މައުރަޒުގައި ދޮންބަންޑާރައިގެން ސަހުސިއްޔަތާއި ޖިހާދާއި ގުޅޭ ތަކެތި ދައްކާލުމާއެކު މައުލޫމާތު ދިނުން ކުރިއަށްދާނެ ކަމަށް އަހުސަން ވިދާޅުވިއެވެ.
ހުރަވީ ދުވަހާ ގުޅިގެން މިއަދު މާލެއާއި ރަށްރަށުގެ ސަރުކާރު އޮފީސްތަކާއި ސްކޫލްތަކުގައި ހާއްސަ އެސެންބުލީއެއް ކުރިއަށްގެންގޮސްފައިވާ ކަމަށާއި މާދަމާ ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އަހުސަން ވިދާޅުވިއެވެ. އެ ހަވީރުގައި ދުވަހާ ގުޅޭ ތަކެތި ދައްކާލުމަށް ވަކި ސްޓޯލެއް ހާއްސަކުރާނެ ކަމަށް އަހުސަން ވިދާޅުވިއެވެ.
ހޮނިހިރު ދުވަހު ހުރަވީ ކުއިޒްގެ ނަމުގައި ރޭޑިއޯއާއި ޓީވީގައި ގައުމީ ބަތަލުންނާއި ތާރީހީ ހާދިސާތަކާއި ހުރަވީ ދުވަހުގެ މުހިއްމު ކަމާ ގުޅޭ ގޮތުން ދަރިވަރުން ބައިވެރިކޮށްގެން ކުއިޒެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށާއި ހޮނިހިރު ދުވަހުގެ ރޭ ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ ސޯޝަލް ސެންޓަރުގައި ބާއްވާން ނިންމާފައިވާ ކަމަށް ވެސް އަހުސަން ވިދާޅުވިއެވެ.
ރާއްޖޭގައި ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ހިޖުރީ ގޮތުން ކޮންމެ ޖުމާދިލްއާހިރާ މަހުގެ ތިންވަނަ ދުވަހެވެ. އެ ދުވަހަކީ މި އަންނަ ހޮނިހިރު ދުވަހެވެ.
މިދުވަސް އެންމެ ފުރަތަމަ ފާހަގަކުރީ 1400 ވަނަ އަހަރެވެ. ހުރަވީ ދުވަހުގެ ގޮތުގައި އެ ދުވަސް ފާހަގަކުރަނީ ހޮޅިންގެ އަޅުވެތިކަމުގައި ރާއްޖެ އޮއްވާ ހިޖްރައިން 1166 ވަނަ އަހަރު ދޮން ބަންޑާރައިން އިސްވެ ހުންނަވައިގެން ހަނގުރާމަކޮށް، ރާއްޖެއަށް މިނިވަންކޮށް ދެއްވި ދުވަހަށެވެ.