ހިތަދޫ ރީޖަނަލް ޕޯޓުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) މުހައްމަދު ވަޖީހް އިބްރާހިމް ބައްލަވާލައްވައިފިއެވެ.

ވަޖީހް އަދި އެ ކުންފުނީގެ ސީނިއާ މެނޭޖްމަންޓްގެ ޓީމެއް ވަނީ މިއަދު ހިތަދޫ ރީޖަނަލް ޕޯޓަށް ޒިޔާރަތް ކުރައްވައިފައެވެ.

މިއީ އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތް ފަހުން، ހިތަދޫ ރީޖަނަލް ޕޯޓަށް ވަޖީހް ކުރެއްވި ފުރަތަމަ ޒިޔާރަތެވެ. މި ޒިޔާރަތުގައި ވަޖީހް ވަނީ ހިތަދޫ ރީޖަނަލް ޕޯޓްގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވައި، އެ ޕޯޓުގެ ހާލަތާ ގުޅޭ މައުލޫމާތުތައް ހޯއްދަވައިފައެވެ.

ހިތަދޫ ރީޖަނަލް ޕޯޓުގެ މަސައްކަތްތައް ކުރިއަށް ގެންދާގޮތް ބައްލަވާލައްވުމުގެ އިތުރުން މުވައްޒަފުންނާއި ބައްދަލުކުރައްވާ، ވަޖީހް ވަނީ މުވައްޒަފުންގެ ވާހަކަތައް އަޑުއައްސަވާފައެވެ. އަދި އެ ބައްދަލުވުމުގައި ހިތަދޫ ރީޖަނަލް ޕޯޓްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.

މި ދަތުރުގައި ވަޖީހް ވަނީ ހިތަދޫ ރީޖަނަލް ޕޯޓުގައި ގާއިމްކުރި ހެލްތު، ސޭފްޓީ އަދި އެންވަޔަރަންމަންޓް ޔުނިޓް ރަސްމީކޮށް އިފްތިތާހްކޮށްދެއްވާފައެވެ. އެ ޔުނިޓަކީ ހިތަދޫ ރީޖަނަލް ޕޯޓްގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ގާއިމްކުރި ޔުނިޓެކެވެ.

މީގެއިތުރުން ވަޖީހް ވަނީ ހިތަދޫ ރީޖަނަލް ޕޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އެމާޖެންސީ އިވެކުއޭޝަން ޑްރިލް ބައްލަވާލައްވައިފައެވެ. އެ ޑްރިލްއަކީ އެމްޕީއެލްގެ ޕޯޓުތަކުގެ ސަލާމަތާއި ރައްކާތެރިކަމާއި ކުއްލި ހާލަތްތަކުގެ ތައްޔާރީތައް ހަރުދަނާކުރުމަށް މެދުކެނޑުމެއްނެތި އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ ޑްރިލްއެކެވެ.

އެ ޑްރިލް ކުރިއަށް ގެންދިޔައީ އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓާއި އެމްއެންޑީއެފް އަދި އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލް ގުޅިގެންނެވެ. އަދި އެ ޑްރިލްގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ވަނީ ސެޓްފިކެޓް ދީފައެވެ.