ޏ. ފުވައްމުލަކު ފަރަށް އުރުނު "އޮލިމްޕިކް ކަނޑިލޯ" ބާޖު 100 މިލިއަން ރުފިއާއިން ޖޫރިމަނާ ކޮށްފިއެވެ.

އެ ބާޖު ރާއްޖެއަށް އައިސްފައި ވަނީ ފުވައްމުލަކު އިރު-ދެކުނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ބޭނުމަށް ހަދާފައިވާ ވަގުތީ ޖެޓީއަށް، މެއިންލޭންޑް ޝީޕިން ޕްރައިވެޓް ލިމިޓެޑްގެ އެޖެންޓްކަމުގެ ދަށުން ހިލަ ހިފައިގެންނެވެ. އަދި ހިލަ ބޭލުމަށް ޖެޓީއާ ކައިރި ކުރުމުގެ ތެރޭގައި އެ ރަށުގެ ފަރަށް ބާޖު އުރިފައި ވަނީ މިދިޔަ ޖުލައި މަހުގެ 7 ވަނަ ދުވަހުއެވެ.

އެ ހާދިސާއާ ގުޅިގެން ފަރަށް ލިބިފައިވާ ގެއްލުންތައް ބަލައި ވަޒަންކުރުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ(އީޕީއޭ)އިން ސާވޭއެއް ހަދާފައި ވާއިރު، ފުވައްމުލަކު ފަރުގެ 4،306 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމާއި، ފަރުމައްޗަށް ފޭބި ހިލަތަކުން ފަރުގެ އެ ސަރަހައްދު ވަރަށް ބޮޑަށް ހަލާކުވެފައިވާކަން ސާވޭއިން އެނގޭ ކަމަށް އީޕީއޭއިން ބުނެއެވެ.

އީޕީއޭއިން ބުނީ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖުރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ފުވައްމުލަކު ފަރުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖޫރިމަނާއާއި ބަދަލުގެ އަދަދަކީ 162,745,500 ރުފިޔާ ކަމުގައި ވީނަމަވެސް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު އަދަދަކީ 100,000,000 ރުފިޔާ ކަމަށެވެ.

އެހެން ކަމުން އެ ބާޖުގެ ވެރިފަރާތް ޖޫރިމަނާ 100 މިލިއަން ރުފިޔާއިން ކުރެވިފައިވާކަމާއި، ޖޫރިމަނާއަށްވާ ފައިސާ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް އެ ބާޖުގެ ވެރި ފަރާތްކަމުގައިވާ އެފްރިޝިއަން ޕްރައިވެޓް ލިމިޓެޑްއަށް މިއަދު އަންގާފައިވާނެ ކަމަށް އީޕީއޭއިން ބުނެއެވެ.

އީޕީއޭއިން އިތުރަށް ބުނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ބާޖުގެ ފަރަށް އުރިގެން ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު، ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް މި ޖޫރިމަނާއާ ގުޅިގެން އިސްތިއުނާފު މަރުހަލާ ނިމުމުން އެޓާނީ ޖެނެރަލް އޮފީހާ ގުޅިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.