ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލަކު [ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު ކަމަށް ބެލެވޭ މީހަކު]، އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތު ކޮށް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ޕޯސްޓުެއްގެ މައްސަލަ ސަމާލުކަމަށް އައިސްގެން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ޕީޖީ އޮފީހުގެ ތަރުޖަމާނުކަން ކުރައްވަމުން ވެސް ގެންދަވާ ޝަފީއު، އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބުނާ ފޮޓޯތަކަކާއި ވީޑިއޯތަކެއް ވަނީ ސޯޝަލް މީޑިއާގައި އާންމު ވެފައެވެ. އަދި ދީނަށް ފުރައްސާރަކޮށް މީހުންނަށް ސްނެޕްޗެޓް މެދުވެރިކޮށް ފޮނުވާފައިވާ ސްނެޕް ތަކެއްގެ ސްކްރީން ޝޮޓް ތަކެއް ވެސް ދައުރުވެފައި ވެއެވެ.
އެކަމާ ގުޅިގެން "ދަ ޕްރެސް" އިން ސުވާލު ކުރުމުން ފުލުހުން ބުނީ އެފަދަ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ. އެ މައްސަލައާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ދީފައި ނުވެއެވެ.
މީގެ ކުރިން ވެސް ޝަފީއުއަށް މިފަދަ ތުހުމަތުތަކެއް ކޮށްފައި ވެއެވެ. ނަމަވެސް އެ ތުހުމަތު ތަކަށް އޭނާ އަބަދުވެސް ދަނީ އިންކާރު ކުރަމުންނެވެ. މިކަމާ ގުޅިގެން ޕީޖީ އޮފީހުގެ ބަހެއް މިހާތަނަށް ލިބިފައި ނުވެއެވެ.
ޝަފީއު އަކީ ހައި ޕްރޮފައިލް ބޮޑެތި މައްސަލަތަކުގައި ދައުލަތުފެ ފަރާތުން ވަކާލާތު ކުރައްވާ ވަކީލެކެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތްތަކުގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރާ ޓީމުގައި އޭނާ ހިމެނެއެވެ. އޭނާ ވަނީ މީގެ ކުރިން ޕީއެސްއެމްގައި ނޫސްވެރިއެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައެވެ.