އިންޑިއާގައި ސޭމް ސެކްސް މެރިޖް ނުވަތަ އެއްޖިންސުން ކައިވެނި ކުރަން ބާރު އަޅާ ބަޔަކު، ސްޕްރީމް ކޯޓަށް ވެއްޓި މައްސަލައިގައި މައި ސަރުކާރުން ތަދައްހުލްވެ އެކަމާ ދެކޮޅު ހަދައިފިއެވެ.
މައި ސަރުކާރުން އެ ކަމާ ދެކޮޅު ހަދާ ބުނީ، ތޮބީއީ ގޮތުން ކައިވެނި އޮންނަނީ އަންހެނަކާއި ފިރިހެނަކާ ދެމެދުގައި ކަމަށާއި އެކަން އެނޫންގޮތަކަށް ބަދަލު ނުވާނެ ކަމަށެވެ.
ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ފަށަން ތާވަލް ކޮށްފައި ވާ އިރު، މައި ސަރުކާރުން ތަދައްހުލްވަމުން ބުނެފައި ވަނީ، އެއްސިންޖުން ކައިވެނި ކުރުން ހުއްދަކުރަން އެދޭ މީހުން ހުށަހަޅާފައިވާ ހުށަހެޅުމަކީ، މިހާރު ހަމަޖެހިފައި އޮތް އުސޫލުތަކާއި ގާނޫނުތަކަށް ބަލާއިރުވެސް އެއް ހަމައެއްގައި މިން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއްޖިންސުން އެކުގައި އުޅޭ ދެމީހަކީ އަނބި ފިރިންގެ ގޮތުގައި ބަލައިގަތުމަށް ހުރި ގާނޫނީ ހުރަސްތަކުގެ އިތުރުން އިންޑިއާގައި ބަލައިގެންފައި އޮތް އާއިލާ ކަމަށް ބަލާއި އަންހެނަކާއި ފިރިހެނަކު ކައިވެނި ކުރާ އަސާސާވެސް މުޅިން ފުށޫ އަރާކަމަށެވެ.
އަދި 'އަނބިމީހާ' އެ ލަފްޒު ނިސްބަތް ވަނީ އަންހެނަކަށް ކަމަށާއި ދަރިން ނިސްބަތްވަނީ އަންހެން މީހަކާއި ފިރިހެނެއްގެ ފަރާތުން ލިބޭ ކުދިންނަށް ކަމަށެވެ. އަދި އެއްޖިންސުން ކައިވެނި ކުރަން ހުއްދަ ދީފި ނަމަ އެކަމުން ނިކުންނަ މައްސަލަތައް ގިނަ ކަމަށާއި އެގޮތުން އެޑޮޕްޓް ކުރުމާއި ވަރި ކުރުމާއި ވާރުތަ މުދާ ބެހުންފަދަ އެތައް ކަމެއްގައި މައްސުނިވުންތަކެއް ހުރި ކަމަށެވެ.
އެއްސިންޖުން ކައިވެނި ކުރުމުގެ މައްސަލައިގައި މައި ސަރުކާރުން ދެކޮޅު ހަދާފައި ވީ ނަމަވެސް އެއްޖިންސުން ގުޅުން ހިންގުމަކީ 2018 އިން ފެށިގެން އިންޑިއާގައި ކުށެއް ނޫނެވެ. އަދި ވަޒީފާއެއްގެ ގޮތުގައި ހަށި ވިއްކުމަކީވެސް އިންޑިއާގައި މިދިޔަ އަހަރު ހުއްދަ ކޮށްފައި އޮތް ކަމެކެވެ. ނަމަވެސް ހަށިވިއްކުމުގެ ބޭނުމުގައި އިންސާނީ ވަގުފާރި ކުރުމަކީ ޖިނާއީ ކުށެކެވެ.
އިންޑިއާގައި އެއްޖިންސުގެ ގުޅުންތައް ޕްރޮމޯޓް ކުރާ ބައެއް ފިލްމުތައް މިފަހުން ބޮލީވްޑަށް އައިސްފައި ވާއިރު ދާދި ފަހުން ވަނީ ޓްރާންސްޖެންޑާ ދެމީހުން ކައިވެނިކޮށް ދަރިއަކު ހޯދާފައެވެ.