ޓެކްނޮލޮޖީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އުރީދޫ ގްރޫޕްގެ ޑެޕިއުޓީ ގްރޫޕް ސީއީއޯ ޝައިހް މުހައްމަދު ބިން އަބްދުﷲ އަލް ތާނީ މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ރައީސް، ޓެލެކޮމިއުނިކޭޝަންގެ ދާއިރާއިން އުރީދޫއިން ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭ ފުރިހަމަ ހިދުމަތް ފާހަގަކުރައްވާ އުރީދޫގެ ރާއްޖޭގެ ގޮފީގެ ޓީމު ހިމެނޭހެން އުރީދޫ ގްރޫޕުގެ ލީޑާޝިޕަށް ޝުކުރު އަދާކުރައްވާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ، ރައީސް އާއި އުރީދޫ ގްރޫޕްގެ ޑެޕިއުޓީ ސީއީއޯ، ރާއްޖެއާ އުރީދޫ ގްރޫޕުން އިސްކަންދޭ އަދި ގުޅިގެންގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާއި ގުޅޭގޮތުންނާއި ޓެކްނޮލޮޖީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އުރީދޫ ގްރޫޕްގެ ޑެޕިއުޓީ ސީއީއޯގެ ވާހަކަގައި އުރީދޫ ގްރޫޕުގެ ސީއެސްއާރުގެ ދަށުން ރާއްޖޭގައި ކުރިޔަށްގެންދާ މަސައްކަތްތަކާއި ހަރަކާތްތަކަށް އަލިއަޅުވާލެއްވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ރާއްޖޭގެ ރައްޔިތުންނަށް ލިބިދެވޭ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގައި ޑިޖިޓަލް ހިދުމަތްތައް ކުރިއެރުވުމަށް ދެފަރާތުން ގުޅިގެން މަސައްކަތްކުރުމުގެ ޝައުގުުވެރިކަން ފާޅުކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.