ސިވިލް ސާވިސްގެ ގަވައިދާ ހިލާފަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާ އެކު ކާބޯތަކެއްޗާ ބެހޭ އިދާރާ (އެމްއެފްޑީއޭ) އާ އެކު ހެދި އެއްބަސްވުން އުވާލަން ގޮވާލައި މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ހުށަހަޅުއްވައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ތުހުމަތުކުރެއްވީ، ސާޖިދާ އާ އެކު ސީއެސްސީން އެއްބަސްވުމެއް އެކުލަވާލީ ގާނޫނާއި ގަވައިދާ ހިލާފަށް ކަމަށެވެ. އޭނާ ވިދާޅުވީ، ހެލްތު މިނިސްޓްރީގެ އެދުމުގެ މަތިން ނޯ ޕޭ ލީވެއްގައި ހުންނަވައި ފަންނީ ލަފާ ދިނުމަށް އެކުލަވާލި އެއްބަސްވުމަކީ ސީއެސްސީގެ ގަވައިދުގެ ރޫހާ ހިލާފަށް އެކުލަވާލި އެއްބަސްވުމެއް ކަމަށެވެ.
ޔައުގޫބު ވިދާޅުވި ގޮތުގައި، ސާޖިދާ އާ އެކު ސީއެސްސީން އެކުލަވާލި އެއްބަސްވުމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު ސިވިލް ސާވަންޓުންނަށް ކުރާނެއެވެ.
އޭނާ ވަނީ ސިވިލް ސާވިސް މުވައްޒަފެއްގެ އާއިލާ އަށް ދިމާވި ހާލަތެއްގައި، ސީއެސްސީގެ ގަވައިދުގައި ބަޔާންކުރާ ލުއި ދީފައި ނުވާތީ އެ މުވައްޒަފު ވަޒީފާ އިން ވަކިވާން މަޖުބޫރުވިކަން ފާހަގަކުރައްވައިފައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ އަށް ބަހުސްކުރުމަށް 21 މެންބަރަކު ތާއީދުކުރެއްވި އިރު، ހަތަރު މެންބަރަކު މި މައްސަލަ އަށް ބަހުސްކުރުމަށް ދެކޮޅު ހެއްދެވިއެވެ.
ސާޖިދާ އާ އެކު އެއްބަސްވުން އެކުލަވާލި މައްސަލައިގައި މިދިޔަ ހޯމަ ދުވަހު ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ހާޒިރުކުރުމުން މެންބަރުން ވިދާޅުވީ، ސާޖިދާ މިހާރު ހުރި މަގާމުގައި ބެހެއްޓުމަށް އެދި ކޮމިޝަނަށް ސިޓީ އެއް ފޮނުވީ ހެލްތު މިނިސްޓްރީން ކަމަށާއި، މިނިސްޓްރީން އެކަމަށް އެދުމުން ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތަށް އެއްބަސްވުމެއް އެކުލަވާލީ ގަޑިއިރަކަށް 75 ރުފިޔާގެ މަގުން މަހަކު 3،000 ރުފިޔާ އަށް ވުރެ އިތުރުނުވާނެ ފަދަ ގޮތަކަށް ކަމަށެވެ.
ސާޖިދާ އަކީ ރައީސްގެ އަނބިކަނބަލުންނަށް ވީތީ ވަކި ހާއްސަ އުސޫލެއް ނުގެންގުޅެން ކަމަށް، ކޮމިޝަނުގެ މެންބަރުން ބުންޏެވެ.