ދިވެހިންގެ ފަރާތުން ގާޒާގެ ރައްޔިތުންނަށް ދީފައިވާ ދީލަތި އެހީގެ ޓްރަކްތަކެއް އަނެއްކާވެސް ގާޒާއަށް ވަދެއްޖެއެވެ.
ދިވެހިންގެ އެހީ ގާޒާއަށް ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުންދާ އަމިއްލަ ޖަމާއަތެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނީ މިއަދުގެ ވަގުތެއްގައި ދިވެހިންގެ އެހީގެ ފޯރުކޮށްދީފައިވާ ބައެއް ތަކެތި ހިފައިގެން ޓްރަކްތައް ގާޒާއަށް ވަދެފައިވާ ކަމަށެވެ.
މީގެ ތެރޭގައި މެޑިކަލް ޓްރަކްތަކާއި އާއި ފެން އަދި ކާބޯތަކެތީގެ ޓްރަކްތައް ހިމެނޭ ކަމަށް އައިއޭސީން ވަނީ މައުލޫމާތު ދީފައެވެ. މިވަގުތު ގާޒާގެ ތެރެއަށް 40 ފޫޓުގެ 6 ކޮންޓެއިނަރު ވަދެފައިވާ ކަމަށް އައިއޭސީން ވަނީ ބުނެފައެވެ.
މީގެ އިތުރުންވެސް ގާޒާގެ ރައްޔިތުންނަށް އެހީވުމަށް އިތުރު ޓްރަކްތައް ވެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެއެވެ. އެގޮތުން:
- ބޯޑަރު ކައިރީ ވަނުމަށް މަޑުކޮށްގެން 40 ފޫޓުގެ 11 ކޮންޓެއިނަރު
- ބޯޑަރަށް ދިޔުމަށް ތައްޔާރުވަމުން 40 ފޫޓުގެ 4 ކޮންޓެއިނަރު ވަނީ ތައްޔާރު ކޮށްފައެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހުވެސް ވަނީ ދިވެހިންގެ ފަރާތުން ގާޒާގެ ރައްޔިތުންނަށް ދީފައިވާ އެހީގެ ޓްރަކްތަށް ގާޒާއަށް ވައްދާފައެވެ.
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާއަށް ހަމަލާ ދޭން ފަށާފައިވާ އިރު އައިއޭސީން ގާޒާއަށް އެހީވުމަށް ރިލީފް ފަންޑު ހުޅުވާލާފައި ވަނީ އެ މަހުގެ 8 ވަނަ ދުވަހުއެވެ. އައިއޭސީ އަކީ ރާއްޖެއިން ބޭރުގައި ގުދުރަތީ ކާރިސާތަކުގެ އިތުރުން އެހެނިހެން ގޮތްގޮތުން ހާލުގައި ޖެހޭ އެކި ގައުމު ތަކުގެ މީހުންނަށް މީގެ ކުރިންވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމްއިއްޔާއެވެ.
މި ޖަމްއިއްޔާގެ އެންމެ ބޮޑު އެއް އަމާޒަކީ އެންމެނަށްވެސް ދެމެހެއްޓެނިވި ރަނގަޅު ދިރިއުޅުމެއް ފޯރުކޮށް ދިނުމެވެ. އަދި މި އެހީތެރިކަމުން ލިބޭ ފައިސާއިން 12 ޕަސެންޓު، ކެމްޕެއިން ހިންގައި ބެލެހެއްޓުމާއި ދެމެެހެއްޓުމާއި އިދާރީ ހިންގުމާއި ތަރައްގީއަށް ނަގާނެ ކަމަށް އޭއައިސީން ވަނީ ބުނެފައެވެ.
ޔަހޫދީ އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ލާ އިންސާނީ ހަމަލާތަކުގައި ޝަހީދު ކޮށްލި މީހުންގެ އަދަދު ވަނީ 15،000 އަށް ވުރެ މައްޗަށް އަރާފައެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ އަންހެނުންނާއި ކުޑަ ކުދިންނެވެ.