ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ދިވެހިރާއްޖޭގެ ގާނޫނީ ދާއިރާގެ މެންބަރުކަމަށް އަލީ އަބްދުއްލަތީފް މިއަދު އައްޔަނުކުރައްވައިފިއެވެ.

ގއ. ވިލިނގިލި، ބީޗުހައުސް، އަލީ އަބްދުއްލަތީފް މި މަގާމަށް އައްޔަނުކުރައްވާފައިވަނީ އެކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޖޭއެސްސީގެ މެންބަރުކަމަށް އަލީ އަބްދުއްލަތީފް އައްޔަނުކުރެއްވީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ)، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނު އަދި ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން، އިންތިހާބުކުރާ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުންނެވެ.

އަލީ އަބްދުއްލަތީފްއަށް ހުވައިލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ. އަދި މި ރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ވަނީ އަލީ އަބްދުއްލަތީފަށް ހަވާލުކޮށްދެއްވާފައެވެ.

ޖޭއެސްސީގެ ގާނޫނީ ދާއިރާގެ މެންބަރުގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި ހއ. އިހަވަންދޫ، އަންބަރީގެ، އަބްދުލްމާނިއު ހުސައިން މި މަހުގެ 14 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.